Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

އަނިލްގެ އަމަލުތަކާއި ހިތްހަމަ ނުޖެހިގެން އޭޖީގެ އިސް ވަކީލަކު އިސްތިއުފާ ދެއްވައިފި

ކުއްލި ހާލަތުގެ މުއްދަތު މަޖްލިސްއިން އިތުރު ކުރި ގޮތާއި މެދު އޭޖީ އަނިލް އަމަލު ކުރައްވާ ގޮތާއި ހިތް ހަމަ ނުޖެހިގެން ބަންޑާރަ ނައިބް އޮފީހުގެ އިސް ވަކީލަކު އިސްތިއުފާ ދެއްވައިފިއެވެ.

އަނިލް އާއި މެދު ހިތް ހަމަ ނުޖެހިގެން އިސްތިއުފާ ދެއްވާފައިވަނީ އޭޖީ އޮފީހުގެ ޑެޕިއުޓީ ކައުންސެލާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަފީއާ ރިޒާ އެވެ.

ޝަފީއާ ރިޒާ އިސްތިއުފާ ދެއްވި އިރު މިރޭ ކުއްލި ނުރައްކަލުގެ ޙާލަތު ވަގުތުން އުވާލުމަށް އެޓާނީ ޖެނެރަލް އޮފީހުގެ އިސް ވަކީލަކު ކަމުގައިވާ މަރިޔަމް ޝުނާނާ ގޮވާލައްވާފައެވެ.

މީގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒާ އައިޝަތު ބިޝާމާވެސް ވަނީ ކުއްލި ހާލަތުގެ ގަރާރު މަޖްލިސްއިން ނިންމާފައިވަނީ ގާނޫނާއި ހިލާފަށްކަމަށް ވިދާޅުވެފައެވެ.

އެ ޓްވީޓްގައި ޝުނާނާ ވަނީ ޤާނޫނު އަސާސީ އާއި ޚިލާފަށް އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ވަގުތުން ނިމުމަކަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ގޮވާލައްވާފައެވެ. އަދި ގާނޫނު އަސާސީގެ 255 ވަނަ މާއްދާއާއި ހިލާފަށް ނުހިފެހެއްޓޭނެ ހައްގުތައް ހިފަހައްޓަން ކުއްލި ނުރައްކަލުގެ ހާލަތު ބޭނުން ކޮށްގެން ނުވާނެ ކަމަށް ވެސް ޝުނާނާ ވިދާޅުވި އެވެ.

މިއީ ދައުލަތް ތަމްސީލު ކުރާ ވަކީލަކު ކުއްލި ނުރައްކަލުގެ ހާލަތާ ދެކޮޅަށް ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ އިސް ވަކީލަކު ކުއްލި ހާލަތު އޮވާލަން ގޮވާލި އިރު، ކުއްލި ހާލަތު އިއުލާންކޮށް އެކަން ދިފާއު ކުރުމަށް އެޓާނީ ޖެނެރަލް މަސައްކަތް ކުރައްވާތީ އެޓާނީ ޖެނެރަލްއާއި ދެކޮޅަށް ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް އެ އޮފީހުގެ ވަކީލުން ވަނީ ކުރައްވާފައެވެ.

އެހެންނަމަވެސް ވަޒީފާގެ ބިރުވެރިކަން އެބަ އޮތް ކަމަށް ވިދާޅުވެ އެ ޕެޓިޝަނުގެ މަސައްކަތް ވަނީ ފަހުން ހުއްޓާލާފައެވެ.