Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ޕީޖީ ބިޝާމްއަށް ތާޢީދުކޮށް ޕީޖީގެ 32 ވަކީލުން ޕެޓިޝަނެއް ހަދައިފި

ޕީޖީ އައިޝަތު ބިޝާމް: - ފޮޓޯ: ޕީޖީ އޮފީސް

މި ހިނގާ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ އިއުލާންކުރި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ޙާލަތު 30 ދުވަހަށް އިތުރުކޮށްފައި ވަނީ ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް ވިދާޅުވެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ފުލުހުންނަށް ދެއްވި ލަފާއަށް ތާއިދުކޮށް ޕީޖީ އޮފީހުގެ ވަކީލުންތަކެއް ޕެޓިޝަނެއްގައި ސޮއިކޮށްފި އެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ޕީޖީގެ ވިސްނުމަށް ތާޢީދުކޮށް އެ ޕެޓިޝަންގައި ސޮއިކޮށްފައި ވަނީ ޕީޖީ އޮފީހުގެ 32 ވަކީލުންނެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުށަހެޅުއްވި އިސްލާޙް އަންގާރަ ދުވަހުގެ ހަވީރު ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއްގައި ވަނީ ވޯޓް ދިން 38 މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފަ އެވެ. އެހެންނަމަވެސް ޤާނޫނު އަސާސީގައި ބުނަނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކޮންމެ ކަމަކަށް ވޯޓަށް އަހާއިރު މަދުވެގެން 43 މެމްބަރުން ތިބެންޖެހޭނެ ކަމަށް ވާތީ، ޕީޖީ ބިޝާމް ވެސް ވަނީ ކުއްލި ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކޮށްފައި ވަނީ ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވެ އަންގާރަ ދުވަހުގެ ރޭ ފުލުހުންނަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ރޭ ޕީޖީ ބިޝާމް، އެސިސްޓެންޓް ޕީޖީން އަދި ޑެޕިއުޓީ ޕީޖީންއާއެކު އޮފީހުގައި ވަރަށް ލަސްވަންދެން އުޅުއްވި ކަމަށްވެ އެވެ. އެކަން ޕީޖީ އޮފީހާއި ފުލުހުންގެ އިދާރާއިން ވެސް ދޮގެއް ނުކުރެ އެވެ.

ކުއްލި ޙާލަތުގައި ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް ޕީޖީ ފުލުހުންނަށް ފޮނުއްވި ސިޓީގައި އެދިފައި ނުވިނަމަވެސް، އެ ފަރާތްތައް ހައްޔަރުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށާއި، އެންމެން ބަންދު ޖެހުމަށް ކުރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރު ކުރުމަށް ޕީޖީގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި ޕީޖީގެ އެ ލަފާއަކީ އެކަމަނާއަށް އެރުވޭނެ ލަފާއެއް ނޫން ކަމަށް ވިދާޅުވެ، ފުލުހުންގެ އިސްވެރިން ވަނީ ފުލުހުންގެ އޮފިސަރުންނަށް އެއަށް އަމަލު ނުކުރުމަށް އަންގާފަ އެވެ.

ޕީޖީ ބިޝާމް އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން އިސްތިއުފާ ދެއްވަން އުޅުއްވި ކަމަށް ރިޕޯޓްތައް ބުނާއިރު، އޭގެ ފަހުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ޕީޖީ އޮފީހަށް ވަޑައިގެން ޕީޖީއާ ބައްދަލުކުރެއްވި ކަމަށާއި އެ ދެބޭފުޅުންގެ ބައްދަލުވުމަށް ފަހު މުވައްޒަފުންނާއެކު ބާއްވަން އޮތް މީޓިން ކެންސަލްވި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރު ފާސްކުރުމަށްފަހު ސުޕްރީމް ކޯޓްގެ ލަފައަކަށް އެދި ހުށަހަޅާފައެވެ. އެގޮތުން އަންގާރަ ދުވަހު މަޖިލީހުން ފާސްކުރި އެ ޤަރާރަށް ޢަމަލު ކުރުމަށް ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. އެ އަމުރުގައިވާ ގޮތުގައި އެކޯޓުގެ ލަފައަކަށް މަޖިލީހުން އެދިފައިވަނީ، ކުއްލި ހާލަތުގެ މުއްދަތު އިތުރު 15 ދުވަހަށް އިތުރު ކުރުމަށް އިއްޔެ މަޖިލީހުން ނިންމި ނިންމުމާމެދު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން ސުވާލު އުފައްދަވާފައިވާތީއެވެ. އަދި އިއްޔެ އެކޯޓުން ނެރުނު އަމުރަކީ މަޖިލީހުގެ ނިންމުމާމެދު ލަފާ ދެވެން ދެން ވަގުތީ ގޮތުން ނެރުނު އަމުރެއް ކަމުގައިވެސް އަމުރުގައިވެއެވެ.