އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ މުޒާހަރާތަކުގައި ފުލުހުން އަމަލު ކުރަމުންދާ ގޮތް ބެލުމަށް ރޭ ނިކުތް ނޭޝަނަލް އިންޓަގރިޓީ ކޮމިޝަން (އެންއައިސީ)ގެ އޮފިޝަލުންގެ މޫނަށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހައިފިއެވެ.
ފުލުހުން އެންއައިސީ އޮފިޝަލުންގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހާފައިވަނީ އެންގުމަކާއި ނުލައި ރޭ އެމްޑީޕީ ހަރުގެ ސަރަހައްދަށް އެއްވެފައިވާ މީހުން ރޫޅާލުމަށް ވަދެގަތް ގަޑީގައެވެ. ފުލުހުން ރޭ ވަނީ އާދަޔާ ހިލާފަށް ބާރުގެ ބޭނުންކޮށް ބައެެއް މީހުންގެ މޫނަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ޖަހާފައެވެ.
ފުލުހުން އާއްމުންނާއި ނޫސްވެރިންނަށް އަނިޔާ ކުރަމުންދާ މައްސަލަ އެކި ފަރާތްތަކުން އެންއައިސީއަށް ހުށަހަޅާފައިވަނިކޮށް މުޒާހަރާ ތަކުގައި ފުލުހުން ހަރަކާތްތެރިވާ ގޮތް ބެލުމަށް ރޭ އެންއައިސީ އޮފިޝަލުން ފާސް އަޅައިގެން ނިކުމެ ތިބި އިރު ފުލުހުން އެމީހުންގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހާފައި ވަނީ އެއްވެސް ބެލުމެއް ނެތިއެވެ.
މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ޕެޕަރ ސްޕްރޭ ޖަހައި އެމްޑީޕީ ހަރުގެ ކުރިމަތީގައި އެއްވެ ތިބި މީހުން ފައްސާލުމުން އެމީހުން ވަނީ އަލުން ގޮސް ޖޭޕީ އޮފީސް ކުނޫޒު ދޮށައް އެއްވެފައެވެ. ފުލުހުން ރޭ ވަނީ މީޑިއާތަކުން ލައިވް ކުރަމުންދަނިކޮށް ނޫސްވެރިންނަށް ސީދާ އަމާޒުކޮށް ޕެޕަރ ސްޕްރޭ ޖަހާފައެވެ.
ކުނޫޒު ތެރެއަށް ފުލުހުން ޕެޕަރ ސްޕްރޭ ޖެހުމާއި ގުޅިގެން އޭގެ އަސަރުކުރި ބައެއް ފަރާތްތައް ރެޑް ކްރެސެންޓްގެ އެހީގައި ހޮސްޕިޓަލަށް ވަނީ ފޮނުވާފައެވެ.