Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

ކުއްލި ހާލަތު އުވާނުލައިފި ނަމަ މަސް ދުވަހު ތެރޭ ގައުމު ބަނޑަށް ޖެހޭނެ: ގާސިމް

ގާސިމް އިބްރާހިމް، ފޮޓޯ: މިހާރު

ގާނޫނާއި ހިލާފަށް ކުރިއަށް ގެންދާ ކުއްލި ހާލަތު އުވާނުލައިފި ނަމަ މަހެއްހާ ދުވަހުގެ ތެރޭގައި ގައުމު ބަނޑަށް ޖެހިދާނެކަމުގެ ބިރު އޮތް ކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖަރުމަނުވިލާތުގައި ހުންނަވައިގެން ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ކުއްލި ހާލަތު އުވާނުލައިފި ނަމަ ފަތުރުވެރިކަން ނިމުމަކަށް އައިސް ގައުމު ބަނޑަށް މަހެއްހާ ދުވަހުގެ ތެރޭގައި ޖެހޭނެކަމަށެވެ.

ގާސިމް ވިދާޅުވީ ކުއްލި ހާލަތު އިއްލާން ކުރި ފަހުން ރިސޯޓްތަކުގެ 50 ޕަސެންޓް ބުކިން ކެންސަލްކޮށްފައިވާ ކަމަށާއި މަހެއްހާ ދުވަހުގެ ތެރޭގައި އެ ނިސްބަތް އިތުރުވެގެންދާނެ ކަމަށެވެ.

"މާޗްމަހުގެ ތެރޭގައި ފެންނަނާނެ ރާއްޖޭގެ އޮކިއުޕަންސީ ދަށްވެފައި އޮންނަވަރު، ބަލަން ތިއްބަވާ. ނަތީޖާއަކަށް ވާނީ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން ބަނޑަށްޖެހިގެން ދިއުން. މަހެއްހާ ދުވަހުގެ ތެރޭގައި ގައުމު ބަނޑަށް ޖެހިގެންދާތަން ރައްޔިތުންނަށް ފެންނާނެ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ގާނޫނާއި ހިލާފުވެފައިވާ އެންމެ މީހަކު ހިމާޔަތް ކުރަން ހަދައިގެން ގައުމު ހަލާކުވެގެންދާ ތަން ބަލަން ނުތިބެވޭނެކަމަށެވެ.

ރޭގެ އިންޓަވިއުގައިވެސް ގާސިމް ވިދާޅުވީ ދައުލަތަށް އެމަނިކުފާން ދައްކަންޖެހޭ ލޯ ލާރިއެއްވެސް ނުހުންނާނެކަމަށެވެ.