ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުމަށް އދ މެދުވެރިއެއްގެ ދައުރު އަދާ ކުރެއްވުމަށް ދިވެހި ސަރުކާރަށް ހުށަހެޅި ހުށަހެޅުން ގަބޫލް ކުރައްވަން ރައީސް ޔާމީން ބޭނުންފުޅު ނުވި ކަމަށް އދ. ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާން ސްޓެފަން ދުޖަރިކް ވިދާޅުވެއްޖެއެވެ.
ޔޫއެން ހެދްކުއާޓަރގައި އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ހުށަހެޅުއްވި ހުށަހެޅުއްވުން ދިވެހި ސަރުކާރުން ބަލައި ނުގަތްކަމަށް ވިދާޅުވުމާއި ގުޅިގެން އެވާހަކަތައް އިއްޔެ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ދޮގު ކުރެއްވުމާއި ގުޅިގެން ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ދުޖަރިކް ވިދާޅުވީ މެދުވެރިއެއްގެ ދައުރު މިވަގުތު އަދާކުރަން އެދިވަޑައި ނުގަންނަވާ ކަމަށް ރައީސް ޔާމީން ސެކްރެޓަރީ ޖެނެރަލް އަރިހު ވިދާޅުވެފައިވާ ކަމަށެވެ.
އިއްޔެ ޝައިނީ ވިދާޅުވީ އދ. އަށް މަޝްވަރާއަށް ހުށަހެޅުއްވީ ވެސް ރައީސް ޔާމީން ކަމަށާއި އދ. ދައްކަވާ ވާހަކަފުޅު ތަކަކި ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ދުޖަރިކް ވިދާޅުވީ ރައީސް ޔާމީނާއި ފޯނުން ގުޅުއްވައި މަޝްވަރާއަށް ސެކްރެޓަރީ ޖެނެރަލް އެދިވަޑައިގެންނެވި ކަމަށެވެ. އަދި އދ. ސަރުކާރާއި އެކު ބައިވެރިވާނީ ހަމައެކަނި މަޝްވަރާއަށް ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.