Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

މިހާރު އަސްލު ޕޮލިސް ކަމިޝަނަރަކީ ރައީސް ޔާމީން: ކުރީގެ އޭސީޕީ ފައިރޫޝް

ކުރީގެ އޭސީޕީ އަބްދުﷲ ފައިރޫޝް - ފޮޓޯ: ރާއްޖެއެމްވީ

މިހާރު އަސްލު ޕޮލިސް ކަމިޝަނަރަކީ ރައީސް އަބްދުﷲ ޔާމީނު ކަމަށް ކުރީގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

ފައިރޫޝް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

ފައިރޫޝްގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ޑީސީޕީ އަބްދުﷲ ނަވާޒް ފުލުހުންގެ ހުރިހާ އިދާރީ މައްސަލަތެއް ރިޕޯޓް ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށާއި، އޭސީޕީ އަހްމަދު މުހައްމަދު ވެސް ތަހުޤީގުތަކާއި ބެހޭގޮތުން ރިޕޯޓްކުރައްވަނީ ސީދާ ރައީސަށް ކަމަށާއި އަދި އޭސީޕީ ހަމްދޫން ރަޝީދު ފުލުހުންގެ އޮޕަރޭޝަނަލް ޑީއުޓީތަކާއި ބެހޭގޮތުން ވެސް ރިޕޯޓް ކުރައްވަނީ ރައީސަށް ޔާމީނަށް ކަމަށެވެ. އެހެންކަމުން މިހާރުގެ ހަޤީޤީ ސީޕީ ނުވަތަ ކޮމިޝަނަރ އޮފް ޕޮލިސް އަކީ ރައީސް ޔާމީން ކަމަށް ފައިރޫޝް ވިދާޅުވި އެވެ.

އަދި މިގޮތަށް ފުލުހުންގެ އިސްވެރިން ޢަމަލު ކުރަމުންދާތީ އެކަމާއިމެދު ފުލުހުން ލަދުގަންނަން ޖެހޭނެކަމަށް ވެސް ފައިރޫޝް ވިދާޅުވި އެވެ.

2014 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން އޮސްޓްރޭލިއާ އަށް ދިރިއުޅުން ބަދަލުކުރައްވާފައިވާ ފައިރޫޝް މަގާމުން ވަކިކުރީ ނޯޕޭ ލީވް ނަންގަވައިގެން ސްކޮލާޝިޕެއްގައި އޮސްޓްރޭލިއާގައި ކިޔަވަން ހުންނަވަނިކޮށެވެ.

އެގޮތުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނަވައިގެން ކުރެއްވި ޓްވީޓަކާ ގުޅިގެން ނިމިގެންދިޔަ އަހަރުގެ އޮކްޓޯބަރ މަހު އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.