Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ބައްޕާފުޅަކީ ގައުމަށް 30 އަހަރު ޚިދުމަތްކުރެއްވި ބޭފުޅެއް، މިހާރުން މިހާރަށް ދޫކޮށްލާ: ދުންޔާ

ފޮޓޯ: ވީނިއުސް

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަކީ ރައްޔިތުންނަށް 30 އަހަރު ވަންދެން ޚިދުމަތްކޮށްދެއްވި ބޭފުޅެއް ކަމަށާއި، ހަމަ މިހާރުން މިހާރަށް ރައީސް މައުމޫން ދޫކޮށްލެއްވުމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ގޮވާލައްވައިފިއެވެ.

ދުންޔާ މިހެން ގޮވާލައްވާފައި ވަނީ އިއްޔެ ރައީސް މައުމޫނާއި ދޫނީދޫ ޖަލުގައި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ދުންޔާ ވިދާޅުވީ ބައްޕާފުޅާ އެކު އަލުން ހިނގާލަން ދެވޭނެ ދުވަހަކަށް އިންތިޒާރު ކުރައްވާ ކަމަށެވެ. އެ ޓްވީޓްގައި ދުންޔާ ވަނީ އޭނާގެ ބައްޕާފުޅާ އެކު ކުރިން ނަންގަވާފައިވާ ފޮޓޯއެއް ވެސް އެޓޭޗްކުރައްވާފައެވެ.

މި ހިނގާ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ރައީސް މައުމޫންގެ ގެކޮޅަށް ގަދަ ބާރުން ވަދެގަނެ، ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، އެމެމްބަރުންނާ ގުޅިގެން ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.

ރައީސް މައުމޫން ހައްޔަރު ކޮށްފައިވާއިރު އެމަނިކުފާނާއެކު އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި ރައީސް މައުމޫނާ ގުޅުން ހުރި ބައެއް އެހެން ފަރާތްތައް ވަނީ ހައްޔަރު ކޮށްފައެވެ.

ރައީސް މައުމޫން ހައްޔަރުކޮށްފައިވާތީ ދުންޔާ އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ހައްގުތަކާއި ގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނާއި ވެސް ދުންޔާ ވަނީ ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން ބައްޕާފުޅު މައުމޫނު އަބްދުލް ޤައްޔޫމް އާއި ހައްޔަރުގައި ތިބި އެހެނިހެން މީހުންނާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ދުންޔާ ވަނީ އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރު ޝޮކޮ ނޮޑާއާ ވެސް ހިއްސާކުރައްވާފައެވެ.