Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ކެނެޑާއިން ގޮވާލައިފި

ފޮޓޯ: ގޫގުލް

ރާއްޖޭގައި ޤާނޫނު އަސާސީ އާއި ޚިލާފަށް އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަށް ކެނެޑާއިން ގޮވާލައިފި އެވެ.

އެޤައުމުން މިހެން ގޮވާލާފައި ވަނީ ކެނެޑާއިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނަން މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މެކިނަން ވިދާޅުވީ ރާއްޖޭގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާއި ނޫސްވެރިންނާއި މުޒާހަރާތަކުގެ ބައިވެރިން ހައްޔަރުކޮށް، އެ ފަރާތްތަކާއި ދެކޮޅަށް ހިންގާ ހަމަނުޖެހުންތައް އިތުރުވަމުންދާ ކަމުގެ ރިޕޯޓްތަކާއި ގުޅިގެން ކަންބޮޑުވާ ކަމަށެވެ.

އަދި ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައި، އަސާސީ ހައްޤުތަކާއި މިނިވަންކަން އިއާދަކޮށް، ޑިމޮކްރެސީގެ މަގަށް ރުޖޫޢަވުމަށް ކެނެޑާއިން ގޮވާލާ ކަމަށްވެސް މެކިނަންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މި ހިނގާ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުށަހެޅުއްވި އިސްލާޙް އަންގާރަ ދުވަހު ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއްގައި ވަނީ ވޯޓް ދިން 38 މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފަ އެވެ. އެހެންނަމަވެސް އެ ޤަރާރު ފާސްކޮށްފައި ވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ކަނޑައެޅިގެން ޚިލާފަށެވެ. އެއީ ޤާނޫނު އަސާސީގައި ބުނަނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކޮންމެ ކަމަކަށް ވޯޓަށް އަހާއިރު މަދުވެގެން 43 މެމްބަރުން ތިބެންޖެހޭނެ ކަމަށް ވާތީއެވެ.