Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ޕީޖީގެ ވަކީލުންގެ ޕެޓިޝަން ބަލައެއްނުގަންނާނަން: ނިހާން

ފޮޓޯ: ޕީއެސްއެމް

ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވި މައްސަލާގައި އެކަމަނާގެ ވިސްނުމަށް ތާއީދުކޮށް، ޕީޖީ އޮފީހުގެ ވަކީލުން ހެދި ޕެޓިޝަނަކީ ބަލައިގަނެވޭނެ ޕެޓިޝަނެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

ނިހާން މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ނިހާން ވިދާޅުވެފައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސައްޙަ ކަމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ބައެއް ވަކީލުން މަޖިލިސްގެ ނިންމުމަކީ ޤާނޫނު އަސާސީ އާއި ޚިލާފު ނިންމުމެއް ކަމަށް ދައްކަން ޕެޓިޝަނެއްގައި ސޮއި ކުރުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ.

އަދި ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަންގެ ޕީޖީ ގްރޫޕުން އެކަން ބަލައެއް ނުގަންނާނެ ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުށަހެޅުއްވި އިސްލާޙް އަންގާރަ ދުވަހުގެ ހަވީރު ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއްގައި ވަނީ ވޯޓް ދިން 38 މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފަ އެވެ.

އެހެންނަމަވެސް ޤާނޫނު އަސާސީގައި ބުނަނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކޮންމެ ކަމަކަށް ވޯޓަށް އަހާއިރު މަދުވެގެން 43 މެމްބަރުން ތިބެންޖެހޭނެ ކަމަށް ވާތީ، ޕީޖީ ބިޝާމް ވެސް ވަނީ ކުއްލި ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކޮށްފައި ވަނީ ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވެ އަންގާރަ ދުވަހުގެ ރޭ ފުލުހުންނަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ރޭ ޕީޖީ ބިޝާމް، އެސިސްޓެންޓް ޕީޖީން އަދި ޑެޕިއުޓީ ޕީޖީންއާއެކު އޮފީހުގައި ވަރަށް ލަސްވަންދެން އުޅުއްވި ކަމަށްވެ އެވެ. އެކަން ޕީޖީ އޮފީހާއި ފުލުހުންގެ އިދާރާއިން ވެސް ދޮގެއް ނުކުރެ އެވެ.

ކުއްލި ޙާލަތުގައި ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް ޕީޖީ ފުލުހުންނަށް ފޮނުއްވި ސިޓީގައި އެދިފައި ނުވިނަމަވެސް، އެ ފަރާތްތައް ހައްޔަރުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށާއި، އެންމެން ބަންދު ޖެހުމަށް ކުރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރު ކުރުމަށް ޕީޖީގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި ޕީޖީގެ އެ ލަފާއަކީ އެކަމަނާއަށް އެރުވޭނެ ލަފާއެއް ނޫން ކަމަށް ވިދާޅުވެ، ފުލުހުންގެ އިސްވެރިން ވަނީ ފުލުހުންގެ އޮފިސަރުންނަށް އެއަށް އަމަލު ނުކުރުމަށް އަންގާފަ އެވެ.

ޕީޖީ ބިޝާމް އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން އިސްތިއުފާ ދެއްވަން އުޅުއްވި ކަމަށް ރިޕޯޓްތައް ބުނާއިރު، އޭގެ ފަހުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ޕީޖީ އޮފީހަށް ވަޑައިގެން ޕީޖީއާ ބައްދަލުކުރެއްވި ކަމަށާއި އެ ދެބޭފުޅުންގެ ބައްދަލުވުމަށް ފަހު މުވައްޒަފުންނާއެކު ބާއްވަން އޮތް މީޓިން ކެންސަލްވި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރު ފާސްކުރުމަށްފަހު ސުޕްރީމް ކޯޓްގެ ލަފައަކަށް އެދި ހުށަހަޅާފައެވެ. އެގޮތުން އަންގާރަ ދުވަހު މަޖިލީހުން ފާސްކުރި އެ ޤަރާރަށް ޢަމަލު ކުރުމަށް ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. އެ އަމުރުގައިވާ ގޮތުގައި އެކޯޓުގެ ލަފައަކަށް މަޖިލީހުން އެދިފައިވަނީ، ކުއްލި ހާލަތުގެ މުއްދަތު އިތުރު 15 ދުވަހަށް އިތުރު ކުރުމަށް އަންގާރަ ދުވަހު މަޖިލީހުން ނިންމި ނިންމުމާމެދު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން ސުވާލު އުފައްދަވާފައިވާތީއެވެ. އަދި ބުދަ ދުވަހު އެކޯޓުން ނެރުނު އަމުރަކީ މަޖިލީހުގެ ނިންމުމާމެދު ލަފާ ދެވެން ދެން ވަގުތީ ގޮތުން ނެރުނު އަމުރެއް ކަމުގައިވެސް އަމުރުގައިވެއެވެ.