Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ގޯލްޑް 100 ގާލާގެ އެންމެ ޝަރަފުވެރި އެވޯޑް ބީއެމްއެލް އަށް

ގާލާ އެވޯޑް ނައިޓްގައި ބީއެމްއެލްގެ އިސްވެރިން – ފޮޓޯ: ބީއެމްއެލް

ރޭ ބަނޑޮސް މޯލްޑިވްސްގައި ބޭއްވި "ގޯލްޑް 100 ގާލާ" ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 'އިންވެސްޓްމެންޓް އިން ކޮމިއުނިޓީސް' ނުވަތަ މުޖުތަމަޢުގައި ކުރާ އިންވެސްޓްމެންޓްތަކުގެ އެވޯޑް ލިބިއްޖެ އެވެ.

"ގޯލްޑް 100 ގާލާ" ގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މުޖުތަމަޢުގައި އިންވެސްޓް ކުރުމަކީ ބީއެމްއެލް އަށް ވަރަށް މުހިންމު ކަމަކަށްވުމުން، އިންވެސްޓްމެންޓް އިން ކޮމިއުނިޓީސް އެވޯޑް ބޭންކަށް ލިބުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.

އަދި އެ ބޭންކުން ހިންގާ "އަހަރެންގެ ބޭންކް" ކެމްޕެއިނަކީ އިންވެސްޓްމެންޓްތަކާއި ހަދިޔާކުރުމުގެ އިތުރުން އެހެނިހެން ޙަރަކާތްތަކުގެ ޒަރިއްޔާއިން މުޖުތަމަޢުތަކަށް އެއްބާރުލުން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށް ވެސް ހީލީ ވިދާޅުވި އެވެ.

އަދި މުޖުތަމަޢުގެ މަންފާއަށްޓަކައި ވަރުބަލިކަމެއް ނެތި އަބަދުވެސް މަސައްކަތް ކުރާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބީއެމްއެލްގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ބީއެމްއެލްގެ ހުރިހާ މުވައްޒަފުންގެ ފަރާތުން އެ އެވޯޑް ޤަބޫލުކުރައްވާ ކަމަށްވެސް ހީލީ ވިދާޅުވި އެވެ.

އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ އިންވެސްޓްމަންޓް އިން ކޮމިއުނިޓީސް، އިންޑިވިޖުއަލް އެކްސެލެންސް އެވޯޑް، ބީއެމްއެލްއަށް ލިބުނު އިރު، 2017 ވަނަ އަހަރުގެ އިންޑިވިޖުއަލް އެކްސެލެންސް އެވޯޑް މާކެޓިން ކެމްޕޭން ލިބިފައިވަނީ ދިވެހިރާއްޖޭގެ ގުޅުން ދިރާގަށެވެ.

އަދި އޮޕަރޭޝަނަލް އެކްސެލެންސްގެ ކެޓަގެރީ އިން އިންޑިވިޖުއަލް އެކްސެލެންސް އެވޯޑް އެމްޓީސީސީއަށް ލިބިފައިވާއިރު، އިންޑިވިޖުއަލް އެކްސެލެންސް އެވޯޑް ސީއެސްއާރ ކެމްޕޭން ލިބިފައިވަނީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އަށެވެ.

މީގެ އިތުރުން ލޮޖިސްޓިކްސް ކޮމްޕެނީސް ގެ ކެޓަގަރީ އިން އިންޑިވިޖުއަލް އެކްސެލެންސް އެވޯޑް ލިބިފައިވަނީ ފިއުލް ސަޕްލައި މޯލްޑިވްސް އަށެވެ.

ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދެފަރާތަކަށް ލިބިލެއްވިއިރު އެވޯޑް ލިބިލެއްވީ މެނޭޖިންގ ޑިރެކްޓަރ އޮފް އޯކިޑް ހޯލްޑިންގސް އައްނަބީލް މުޙައްމަދު ވަހީދުއްދީން އާއި ޑިރެކްޓަރ އެންޑް ފައުންޑިންގ ޕާޓްނަރ އޮފް ކްރައުން ކޮމްޕެނީ އަހްމަދު ނަޒީރަށެވެ.