Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

މަސް ދުވަސްތެރޭގައި އިދިކޮޅު ހަ މެންބަރުން ޕީޕީއެމް އަށް ގެންނާނަން – ފަލާހް

ޕީޕީއެމްގެ ކެމްޕޭން އެއްވުމުގައި ފަލާހް ވާހަކަފުޅު ދައްކަވަނީ – ފޮޓޯ: ޕީޕީއެމް

ކުރިއަށް އޮތް އެއްމަސް ދުވަސް ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ހަ މެންބަރުން ޕީޕީއެމް އަށް ގެންނާނަން ކަމަށް ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ "މަގޭ ގައުމާ، މަގޭ ދީނާ ނުކުޅެއްޗޭ" ގެ ނަމުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ން މިއަދު ހަވީރު އައްޑޫ ސިޓީ ހިތަދޫ ގައި ކުރިއަށްގެންދިޔަ ކެމްޕޭން ރެލީއެއްގައެވެ.

ފަލާހް ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ އޮންނާނީ ޖަލްސާތައް ނޯންނަ އިރު ކަމަށާއި، މަޖިލީހުގެ ދައުރު ފެއްޓުމާއެކު މެޖޯރިޓީ އޮންނާނީ ޕީޕީއެމް އަށް ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިދިކޮޅު ހަ މެމްބަރަކު ޕީޕީއެމް އަށް "ދަމައިގަންނާނެ" ކަމަށްވެސް ފަލާހް ވިދާޅުވި އެވެ.

ފަލާހް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއު ކުރުމުގައި ޕީޕީއެމްގެ މަޖިލިސް މެމްބަރުން ދެމި ތިއްބެވީ އެމަނިކުފާނަކީ ހިކުމަތްތެރި، ހިތްވަރުގަދަ ވެރިއަކަށް ވާތީ ކަމަށާއި، އަބަދުވެސް ތިބޭނީ އެމަނިކުފާނުގެ ފަހަތްޕުޅުގައި ކަމަށެވެ.

އަދި އައްޑޫ ސިޓީގެ ރައްޔިތުން ތިބީ ރައީސް ޔާމީން އާއި އެމަނިކުފާނުގެ ސަރުކާރާއި އެކުގައިކަން ވަރަށް ސާފުކޮށް މިއަދު ފެނިގެން ހިނގައްޖެ ކަމަށް ވެސް ފަލާހް ވިދާޅުވި އެވެ.