ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ދިވެހި ރާއްޖެ ބަނޑަށް ނުޖެހޭނެކަމަށް ޕީޕީއެމްގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ނޫސް ކޮންފަރެންސްގައި އަދުރޭ މި ގޮތަށް ވިދާޅުވެފައިވަނީ ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއަށް އަމާޒުކޮށް ރައްދު ދެއްވަމުންނެވެ.
ރޭ ވީޓީވީގައި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވީ ކުއްލި ހާލަތު އުވާނުލައިފިނަމަ މަސް ދުވަހުގެ ތެރޭގައި ރާއްޖެ ބަނޑަށް ޖެހިދާނެ ކަމަށެވެ.
ގާސިމްއަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ ރާއްޖެ ބަނޑަށް ނުޖެހޭނެކަން ރިޔާސީ ބަޔާނުންވެސް އެނގިގެންދާ ކަމަށެވެ. އަދުރޭ ވިދާޅުވީ ރައީސް ޔާމީން ގައުމުގެ ރިޒާވްގައި ހުރި ފައިސާގެ އަދަދު ވިދާޅުވެދެއްވާފައިވާ ކަމަށެވެ.
"ކުރިއަށް އޮތް އެއްމަސްދުވަހަކު ނޫން. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިގައުމު ބަނޑަށް ޖެހުމާ ހަމައަކަށް ދެން އިރާދަކުރެއްވިއްޔާ ނުދާނެ. އަޅުގަނޑުމެންނަށް ދަންނަވަން ކެރޭ މި ޒައާމަތަކު އެކަމެއް ދިމައެއް ނުވާނެ،"
އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރާއްޖެ ގެންނަން އުޅުނު ބަޢާވާތް ނުގެނެވުމުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަނީ ރައްޔިތުން ބަނޑަށް ޖެހޭނެ ކަމަށް ބުނެ ބިރުވެރިކަން އުފެއްދުމަށް ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބް ނުވާނެކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވަނީ މި ނޫސް ކޮންފަރެެންސްގައި ރާއްޖެ އާއި ނޯތު ކޮރެއާ އެއް ގޮތް ކުރުމުން އިންޑިއާ އާއި ކެނެޑާއަށް ފާޑު ވިދާޅުވެފައެވެ.