Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ދޫގަސް ތަރައްޤީ ކުރާ ޕްލޭން ލޯންޗުކޮށްފި

* ދޫގަސް ނިމޭއިރު ޖުމްލަ 120 ކޮޓަރި، 300 ވަޒީފާ
* ފުރަތަމަ މަޝްރޫއުގައި ތަރައްޤީ ކުރަނީ 40 ކޮޓަރި
* ބާކީ 80 ކޮޓަރި ތަރައްޤީ ކުރަނީ ދެވަނަ މަޝްރޫއުގެ ތެރެއިން

ސ. ގަމު ދޫގަސް އަލުން ޑިޒައިންކޮށް ތަރައްޤީ ކުރާނެ ގޮތުގެ ޕްލޭން އާއްމުކޮށްފިއެވެ.

ރޭ ދޫގަހުގައި ބޭއްވި ކޮންސެޕްޓް ޑިޒައިން ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ދޫގަސް މަޝްރޫއު ކުރިއަށް ގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރާ 40 ކޮޓަރިއާ އެކު، ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ހިދުމަތް ދެވޭނެ ކަމަށް ވިދާޅުވި އެވެ.

ބާކީ 80 ކޮޓަރީ ތަރައްގީ ކުރާނީ ދެވަނަ ފިޔަވަހީގަ އެވެ.

ރައްޒާގު ވިދާޅުވީ ދޫގަސް އަލުން ހިންގަން ފެށުމުން އިތުރު 300 ވަޒީފާ އުފެދިގެންދާނެކަމަށާއި މިއީ އައްޑޫއަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ދޫގަސް ތަރައްޤީ ކުރުމަށް އެމްޕީއެލް އާއި ހަވާލު ކުރެއްވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުވަރަށް ބޮޑަށް ވިސްނަވާފައި ކަމަށާޢި، ދޫގަސް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ.

ރައީސް މައުމޫންގެ ސަރުކާރުގައި ސަރުކާރުގެ އިސްވެރިން ތިބުމަށް ހަދާފައިވާ ދޫގަސް ރައީސް ނަޝީދުގެ ސަރުކާރުގައި ގެސްޓް ހައުސްއެއް ހިންގުމަށް އެމްވީކޭ އާއި ހަވާލު ކުރެވުނެއެވެ. ނަމަވެސް އެމްވީކޭއަށް ދޫގަސް ނުހިންގި އެތަން ތަރައްޤީ ކުރުމަށް ބޭންކް އޮފް ސިލޯނުން ނެގި ލޯނު ނުދެއްކުމާއި ގުޅިގެން އެ ބޭންކުން ދޫގަސް ވިއްކާލަން އިއްލާން ކުރިއެވެ.

ނަމަވެސް ފަހުން ވަނީ ސަރުކާރުން އެ މައްސަލަތެރެއަށް ވަދެ ހުއްޓުވާފައެވެ.