މިދިޔަ ނޮވެމްބަރު މަހު ސިޔާސީ މައްސަލައެއްގެ ތެރެއަށް ވަނުމުގެ ސަބަބުން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ ދެކޮޅަށް އިނގިރޭސި އެފްއޭއިން ފިޔަވަޅު އަޅައިފިއެވެ.
ގާޑިއޯލާއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ ސްޕެއިން ސަރުކާރާއި ކެޓެލޯނިއާ ދައުލަަތާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ހައްޔަރުކުރި މީހުން މިނިވަންކުރުމަށް ގޮވާލައި އެގައުމުގެ ރައްޔިތުން ބޭނުންކުރި ރީނދޫ ކުލައިގެ ރިބަން ހަރުކޮށްގެން މެޗަށް ދިއުމުންނެވެ.
ގާޑިއޯލާއަށް އެފްއޭއިން ވަނީ އެފަދަ ކަންތައްތަކުގެ ތެރެއަށް ފުޓުބޯޅަ ނުވެއްދުމަށް އަންގާފައެވެ. އަދި ދެފަހަރެއްގެ މަތިން ރަސްމީކޮށް އެކަން ހުއްޓާލުމަށް އެންގުމުންވެސް ހުއްޓާނުލައި އޭނާ ވަނީ ރީނދޫ ރިބަން ބޭނުންކޮށްފައެވެ.
ގާޑިއޯލާއަށް ވަނީ އޭނާއާ ދެކޮޅަށް އުފުލާފައިވާ މައްސަލައަށް ޖަވާބުދާރީ ވުމަށް އަންގާފައެވެ. ބެލެވޭ ގޮތުގައި ގާޑިއޯލާއަށް ޖޫރިމަނާކޮށް އެއް މެޗު ސަސްޕެންޝަނެއް އަންނާނެއެވެ.