Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

މަހުލޫފާ ވަކީލުންނާ ބައްދަލުވުމުގެ ފުރުސަތެއް ނުލިބުނު

ހަފްތާ ބަންދު ކަމަށް ބުނެ ބުރާސްފަތި ދުވަހުގެރޭ ހައްޔަރުކުރި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު، އަހުމަދު މަހްލޫފާއި އޭނާގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދީ ހިފަހައްޓައިފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަހްލޫފް ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެރޭ އެމްޑީޕީ ހަރުގެ ތެރެއަށް އާދަޔާ ޚިލާފަށް ފުލުހުން ބާރުގެ ބޭނުން ކޮށް، ޕެޕާ ސްޕްރޭ ޖެހުމަށް ފަހުގައެވެ.

އަދި އެރޭ މަހްލޫފުގެ ވަކީލުން، މޫސާ ސިރާޖް އަދި މަހްފޫޒް ސައީދު ފުލުހުންގެ މައި އިދާރާއަށް މަހްލޫފާއި ބައްދަލުކުރުމަށް ދިއުމުން ފުލުހުން ވަނީ އެ ދެބޭފުޅުންގެ ފޯނު އަތުލައި، ޕާސްވޯޑު ހޯދުމަށް މަސައްކަތް ކޮށްފައެވެ.

މަހުލޫފުގެ އިތުރުން މިދިޔަ ހަފްތާގެ ހުކުރު ދުވަހު ހައްޔަރުކުރި ޝަހީމާއި ބައްދަލުކުރުމުގެ ފުރުސަތެއް ވެސް ފުލުހުން ދީފައެއް ނުވެއެވެ. ގާނޫނީ ވަކީލު ނާޒިމް ސައްތާރު ވިދާޅުވެފައިވަނީ އޭނާގެ ދެ މުވައްކިލުން ކަމަށްވާ މަހްލޫފާއި ޝަހީމާ ބައްދަލުކުރުމަށް އަތޮޅުވެއްސަށް ދިއުމުން މިއަދު ބައްދަލު ނުވާނެ ކަމަށް އަންގާފައިވާ ކަމަށެވެ.

އަދި މާދަމާ 11:00 ގައި ބައްދަލުކުރުމަށް އަނބުރާ އައުމަށް ވަނީ އަންގާފައެވެ. ކުއްލި ހާލަތު ކަމަށް ބުނެ ވަކީލުންނަށް މުވައްކިލުންނާއި ބައްދަލުކުރުމުގެ ފުރުސަތު ނުދީ ހިފަހައްޓަމުން އަންނަ ކަމަށް ގާނޫނީ ވަކީލުން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ގާނޫނާއި ޚިލާފު ކަމެއް ކަމަށް އެބޭފުޅުން ވަނީ ފާހަގަކޮށްފައެވެ.