Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

"އިލްމުވެރިންގެ ނަމުގައި އިމާމުންނާއި ކިޔަވާ ކުދިންވެސް ސޮއިކޮށްފައިވޭ"

ބާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ އަދާލަތު ޕާޓީގެ ރައީސް، ޝެއިޚް އިމްރާން އަބްދުﷲ ވަގުތުން މިނިވަން ކުރުމަށް ގޮވާލައި ނެރުނު ބަޔާނުގައި އިލްމުވެރިންގެ ނަމުގައި ބައެއް މިސްކިތްތަކުގެ މުދިމުންނާއި ރާއްޖެއިން ބޭރުގައި އިލްމު އުނގެނެމުން އަންނަ ދަރިވަރުންތަކެއްވެސް ހިމަނާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ، ޑރ. އަހުމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރާއި ހަވާލާދީ "އަވަސް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި 40 އިލްމުވެރިޔަކު ސޮއިކުރައްވައި، ހުށައެޅި ބަޔާނަކީ އިލްމުވެރިންނަށް ކުފޫ ހަމަނުވާ ބައެއް މީހުންވެސް ހިމަނައިގެން ހުށައަޅާފައިވާ ބަޔާނެކެވެ. އަދި އެގޮތަށް ކަންކުރުމުން، ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

"ބައެއް އިމާމުން ވެސް ހިމެނާފައިވޭ، އެމައްސަލަ ބަލަމުން މިދަނީ، ގާނޫނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެކަން ބަލަމުން މިގެންދަވަނީ، ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނަން،" –

ޝެއިޚް އިމްރާން މިނިވަން ކުރުމަށް އިލްމުވެރިންތަކެއް އިސް ނަގައިގެން ހުށައެޅި ބަޔާނުގައި ވަނީ އިމްރާންގެ ޝަރީއަތް ނިމުނު ގޮތާ މެދު ސުވާލު އުފައްދާފައެވެ. އެގޮތުން އިމްރާންގެ މައްޗަށް އުފުލި ދައުވާ ސާބިތުކުރުމަށް ސިއްރު ހެކިންގެ ހެކިބަހާއި ސިއްރު އިންޓެލިޖެންސް މައުލުމާތު ބޭނުންކޮށްފައިވުމުން އެއީ އިސްލާމީ ޝަރީއަތުގައި ކުށް ސާބިތުކުރުމަށް އޮންނަ މިންގަނޑާ އެއްގޮތަށް އިއްވި ހުކުމެއް ނޫންކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި އިމްރާން މޭޑޭ މުޒާހަރާގައި ދެއްކެވި ބައެއް ވާހަކަތަކުގެ ސައްހަ ނޫން ތައުވީލެއް ހުށައެޅި ކަން ސާބިތުވާ ކަމަށާއި ތަކުރާރުކޮށް އިމްރާންގެ ވާހަކަފުޅުގައި ހަމަނުޖެހުމާއި އަމަން އަމާންކަން ނަގާނުލުމަށް ގޮވާލާފައިވާކަން ފާހަގަކޮށްފައިނުވާ ކަން އިލްމުވެރިންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ބަޔާނާ ގުޅޭ ގޮތުން މިނިސްޓަރު ވަކި އެއްޗެއް ވިދާޅުވެފައިނުވާއިރު، އަލިއަޅުވާލާފައިވަނީ ބަޔާނުގައި ސޮއިކުރި ބައެއް މީހުންނަކީ އިލްމުވެރިން ނޫން ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ބަޔާން ހުށައެޅި އިލްމުވެރިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.