"މަގެ ދީނާ، މަގެ ގައުމާއި ނުކުޅެއްޗޭ" ޕީޕީއެމް ރެލީއަށް ދިޔަ މީހުން ފޮޓޯތަކުން އެނގޭ ކަމަށާއި، އެ ރެލީއަށް ދިޔަ އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނާއި ޕްރިންސިޕަލުންނަށް އެޑިއުކޭޝަން މިނިސްޓްރީގެ ހިއުމަން ރިސޯސަސްގެ އިސްވެރިޔާ އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ މުހައްމަދު ވަހީދު (ވައްޑެ) ސާބަސް ދެއްވައިފިއެވެ.
އިއްޔެ ހިތަދޫ ސްޓޭޖް ސަރަހައްދުގައި ބޭއްވި ހަރަކާތަށް ފަހު ޕްރިންސިޕަލުން ހިމެނޭ ވައިބަރ ގްރޫޕުގައި ވައްޑެ ވަނީ ހުޅުދޫ ސްކޫލްގެ ޕްރިންސިޕަލަށް ސާބަސް ދެއްވައި އިވެންޓަށް ދިޔަ މީހުން ފޮޓޯއިން ފެންނަ ކަމަށް ވިދާޅުވެފައެވެ. މި ވައިބަރ ގްރޫޕް ޗެޓްލޮގް މިހާރުދަނީ ސޯޝަލް މީޑިއާގައި ފެތުރެމުންނެވެ.

ލީކް ވެފައިވާ މި ވައިބަރ ގްރޫޕް ޗެޓް ލޮގުގައި މަރަދޫ ސްކޫލްގެ ޕްރިންސިޕަލް އަބްދުއް ލަޠީފް ބުނެފައިވަނީ އެސްކޫލްގެ 98 ޕަސެންޓް މުވައްޒަފުން ހާޒިރުވިކަމަށެވެ.
ޕްރިންސިޕަލުން ހިމެނިވަޑައިގަންނަވާ ވައިބަރ ގްރޫޕެއްގެ ޗެޓް ލޮގް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު ހަފްތާ ބަންދުގައި ސްކޫލް ހަރަކާތް ކެންސަލް ކުރުމަށްވެސް އެޑިއުކޭޝަނުން ވަނީ ކުރިން އަންގާފައެވެ.
"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ޕްރިންސިޕަލަކު ވިދާޅުވީ ވައްޑެ ސްކޫލްތަކުގެ ވެރިންނާއި ބައްދަލު ކުރެއްވި ކަމަށާއި ނަމަވެސް އިވެންޓަށްދާން މަޖްބޫރެއް ނުކުރާ ކަމަށެވެ.
އިއްޔެ ޕީޕީއެމްއިން ބޭއްވި ހަރަކާތަކީ ގައުމީ ހަރަކާތެއްކަމަށް ބުނެ ސިވިލް ސާވިސް މުވައްޒަފުންނާއި ސަރުކާރު ކުންފުނި ތަކުގެ މުވައްޒަފުން ބައިވެރިވުމަށް ވަނީ އަންގާފައެވެ. ނަމަވެސް އެ އިވެންޓަށް އައްޑޫން ނިކުތީ މަދު ބައެއްކަމަށް ބުނެ އިވެންޓަށް މާލެއިން އައި ބައެއް އިސް ވެރިން ވަނީ ހިތް ހަމަނުޖެހުން ފާޅުކޮށްފައެވެ.