ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ ނިމިފައި އޮތް ވެރިކަމެއް ކަމަށާއި އެ ވެރިކަން ދަމަހައްޓަން ފުލުހުންނާއި ސިފައިން ކުރަމުން ގެންދާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިޤް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހިތަދޫ ހަރުގޭގައި ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވި ގޮތުގައި، "މިއީ ނިމިފައި އޮތް ވެރިކަމެއް އަދި ވެއްޓިފައި އޮތް ވެރިކަމެއް" ކަމަށެވެ.
ހިތަދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގެ ބައެއް ބައިވެރިން ހައްޔަރުކުރުމާއި ގުޅިގެން އެކަން ފާހަގަކޮށް ސޯބެ ވަނީ އެއްވެސް ރައްޔިތަކު ހިތްވަރު ބަލި ނުކުރުމަށް ގޮވާލައްވާފައެވެ. ސޯބެ ވިދާޅުވީ ސުލްހަވެރި އެއްވުމަށް ހުރަސްއެޅުމަށް ބަޔަކު ހައްޔަރު ކުރިއަސް ހައްޔަރުކުރާ ކޮންމެ މީހަކަށް 10 މީހުން އުފެދޭނެ ކަމަށެވެ.
"އެއްވެސް ރައްޔިތަކު ހިތްވަރު ބަލި ނުކުރާތި.ހައްޔަރު ކުރާ ކޮންމެ މީހަކަށް 10 މީހުން އުފެދޭނެ. ކޮންމެ މީހަކީ ވެސް އެކަކަށް ދޫނުކުރާނެ ލީޑަރެއް. އަޒުމް ވަރުގަދަކޮށް އިހަށް ވަނި ވަރުގަދަކުރައްވާ."
މީގެ އިތުރުން ސޯބެ ވިދާޅުވީ ފުލުހުން މިއަދު ނިކުމެ އެކުރާ ކަންތަކަކީ އިއްޔެ ޕީޕީއެމް އިން ހިތަދޫގައި ބޭއްވި ހަރަކާތް ފެއިލްވުމުން އޭގެ ހިތިކަން ފިލުވާލުމަށް ކުރި ކަމެއް ކަމަށެވެ.