Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ކުޅުދުއްފުށިން ފުލުހަކު ހައްޔަރުކޮށްފި

ބަޢާވާތްކޮށް މި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހދ. ކުޅުދުއްފުށިން ފުލުހަކު ހައްޔަރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ގާއިމްވެ ތިބޭ އެސްއޯ ފުލުހުންގެ ތެރޭގައި މަސައްކަތް ކުރާ އަހުމަދު އާސިފް ހުސެއިން ނަމަކަށް ކިޔާ ފުލުހެކެވެ.

އާސިފް ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ އޭނާ ދިރިއުޅެމުްނދިޔަ ތަން ބަލައި ފާސް ކުރުމަށްފަހު އޭނާގެ ފޯނާއި ލެޕްޓޮޕާއި އެކުއެވެ.

ކުއްލި ހާލަތު އިއްލާން ކޮށްފައި ވުމުން އާސިފް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްނެތިއެވެ. މިކަމާއި ގުޅޭ ގޮތުން ފުލުހުން ތަފްސީލެއް ނުދެއްވައެވެ.

ނަމަވެސް މިމަހުގެ 22 ވަނަ ދުވަހުގެ ރޭ އެސްއޯ ފުލުހުންގެ ކުރީގެ ކޮމާންޑަރ ސައިފް ހައްޔަރު ކުރުމަށްފަހު ފުލުހުންގެ ތަރުޖަމާނު ވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ދެ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.