Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

ގާނޫނު ދަމަހައްޓަން ކުރާ މަސައްކަތުގެ ސަބަބުން ގެއްލޭ މަގާމު ހޯދައިދެވޭނެ: އިއްތިހާދު

23 ފެބްރުއަރީ 2017ގައި އިދިކޮޅު ފަރާތްތަކުން ހިތަދޫގައި ބޭއްވި އެއްވުން. މިއެއްވުމަށް ފުލުހުން ވަނީ ހުރަސް އަޅާފައި . އައްޑޫލައިވް ފޮޓޯ: އަޒީމް ނަޖްމީ

ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ދެމެހެއްޓުމުގެ މަސައްކަތް ކުރުމުން މަގާމު ގެއްލުވާލާ ހުރިހާ ފަރާތްތަކުގެ މަގާމު އަނބުރާ ރުޖޫއަ ކޮށްދެވޭނެ ކަމަށް ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.

އިއްތިހާދުގައި ހިމެނޭ ޕާޓީތަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ މުއައްސަސާ ތަކާއި ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރާ ފަރާތްތައް މަގާމުން ވަކިކުރާނެ ކަމަށް ބުނެ ދައްކާ ބިރަކަށް ފަހަތަށް ޖެހި ވަޑައިގަތުމެއް ނެތި ކުރިއަށް ދިއުމަށާއި އެބޭފުޅުން މަސްއޫލިއްޔަތު އަދާކުރުމުން މަގާމުން ދުރުކޮށްފިނަމަ މަގާމު ރުޖޫއަ ކޮށްދެވޭނެ ކަމަށް ބަޔާނުގައި އިޝާރާތް ކޮށްފައިވެއެވެ.

އަދި ޣައިރު ގާނޫނީ އަމުރަކަށް ތަބާވުމަކީ އެބޭފުޅުންގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުން ނޫން ކަމަށާއި ސަރުކާރުން ކުރާ ޣައިރު ގާނޫނީ އަމުރަކަށް ނޫނެކޭ ބުނުމަށް މި ބަޔާނުގައި މުއައްސަސާ ތަކުގެ ބޭފުޅުންނަށް އިލްތިމާސް ކޮށްފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން މިހެން ބުނެފައިވަނީ ދައުލަތުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އެތައް ބޭފުޅުންނެއް ފާޅުގައި ސަރުކާރުގެ ބައެއް އަމުރުތަކަށް ބޯނުލަނބައި އިސްތިއުފާ ދެއްވަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި ސަރުކާރާ ޚިޔާލު ތަފާތުވުމުގެ ސަބަބުން ބައެއް ބޭފުޅުން މަގާމުން ދުރުކުރަމުން އަންނަތަން ވެސް ފެންނަމުން އެބަދެއެވެ.

އަދި ދިވެހި ފުލުހުންގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުން ހައްޔަރުވެސް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ އެސްއޯ ފުލުހުންގެ ކޮމާންޑަރު ސައިފްއާއި އިތުރު ފުލުހުންތަކެއް ހިމެނެއެވެ. ފުލުހުންގެ އޮފިސަރުންތަކެއް ހައްޔަރުކުރި ކަން އިއުލާން ކުރި ނަމަވެސް އެކަމާ ގުޅޭގޮތުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން މިހާތަނަށް ދީފައެއް ނުވެއެވެ.