Last Updated: June 11, 06:23
Thursday, June 11, 2026
ޚަބަރު

ހިތަދު އާއި ފޭދޫ ބަނދަރާ ގުޅޭ ގޮތުން ހިޔާލު ހޯދަނީ

ސ. ހިތަދޫ ބަނދަރާއި ފޭދޫ ބަނދަރު ތަރައްގީ ކުރުމާ ގުޅޭ ގޮތުން އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ބުނީ ދެ ބަނދަރާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މިރޭ 9:30 ގައި ކައުންސިލް އިދާރާގައި ބައްދަލުވުމެއް އޮންނާނެ ކަމަށެވެ. މި ބައްދަލުވުމުގައި ކައުންސިލަރުންނާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޒިޔާދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެނގިފައިވެ އެވެ.

ހިތަދޫ ބަނދަރު 1،200 ފޫޓުގެ ތޮށްޓަކާ އެކު ހަދަން ނިންމައި އެކަމުގެ މަަސައްްކަތް ވެސް ފަށާފައި ވަނިކޮށް ތޮށިގަނޑުގެ ސައިޒު 750 ފޫޓަށް މިނިސްޓްރީން ބަދަލުކޮށްފައިވާ ކަމަށް ބުނެ ކައުންސިލުން ވަނީ ދާދި ފަހުން ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

ކައުންސިލުން ބުނެފައި ވަނީ އެ ބަދަލު ގެނެސްފައި ވަނީ އައްޑޫ ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާ ކުރުމެއް ނެތި އަދި ކައުންސިލަށް މިކަން އެންގުމަކާ ވެސް ނުލައި ކަމަށެވެ. ނަމަވެސް ރައްޔިތުންނަަށް ޖަވާބުދާރީ ވާން ޖެހޭ ފަރާތަކީ ކައުންސިލް ކަމަށްވެފައި މިފަދަ ކަންތައްތައް މިގޮތަށް ދިމާވުމަކީ އެކަމާ ކަންބޮޑުވާ ކަމެއް ކަމަށް ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން ފޭދޫ ބަނދަރު ތަރައްގީ ކުރަން ނިންމާފައި ވަނީ އައްޑޫގެ ފެރީ މައި ހަބްގެ ގޮތުގަ އެވެ. އެހެން ނަމަވެސް މިހާތަނަށް އެކަމަށް ވެސް އޮތީ މަސައްކަތަ ނުކުރެވި އެވެ.