އިދިކޮޅު ހަތަރު ލީޑަރުންގެ ތެރޭގައި ރައީސް ޔާމީންގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމް އާއި ވާދަކޮށްލެވޭ ވަރު މީހަކުވެސް ނެތްކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
"މި ޖީލުގެ އަޑު"ގެ ނަމުގައި ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީން ކީއްކުރަންތޯ މެޑަމް ފާތުން އާއި ވާދަކޮށްލެވޭނެ ބޭފުޅެއްވެސް އިދިކޮޅު ލީޑަރުންގެ ތެރޭގައި ނެތްކަމަށެވެ.
ރައީސް އަބްދުއްﷲ ޔާމީނު "ފިނިފެންމަލަކާއި" އެއްގޮތް ކުރެއްވި މުހައްމަދު ސައީދުވަނީ ރައިސް މައުމޫން އާއި ރައީސް މުހައްމަދު ނަޝީދުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސައީދު ވިދާޅުވީ ދޭތެރެ ދޭތެރެއިން ރާއްޖެއަށް ބަޢާވާތް ގެނައުމަށް ރައީސް ނަޝީދު ނުވަތަ އެމަނިކުފާންގެ އާއިލީ ބޭފުޅުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
އަދި މިއަދު ރައީސް މައުމޫން އެ ހުންނެވީ ނަޝީދު އާއި އެކު ބައިއަތު ހިއްޕަވައިގެން ކަމަށާއި ރައީސް މައުމޫންގެ ތިރީސް އަހަރު އަނިޔާލިބުނު މީހުންނާއި ރައިސް ނަޝީދުގެ ދެއަހަރާއި ބައިގެ މުއްދަތުގައި އަނިޔާވި މީހުންގެ ހައްގު ކޮބައިތޯ ސައީދު ސުވާލު ކުރެއްވިއެވެ.
ސައީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައިސް ޔާމީން ރިޔާސީ ބަޔާން އިއްވި އިރު ހުންނެވީ "ޓެންޝަނު"ގައިކަމަށް ވިދާޅުވެ ފާޑު ވިދާޅުވިއަސް އެމަނިކުފާންގެ ރިޔާސީ ބަޔާނަކީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލި ބަޔާނެއް ކަމަށެވެ.