ތޭރަ އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެން ރާއްޖެ އަތުވެއްޖެނަމަ އެމަނިކުފާނު ފޮނުވާނީ މާފުށީ ޖަލަށް ނޫން ކަމަށާއި، އެމަނިކުފާނު ދެން ފޮނުވާނީ ކ. ގުރައިދޫގައި ހުންނަ މަރުކަޒަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނަޝީދަށާއި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފަލާހު އިތުރަށް ވިދާޅުވެފައިވަނީ ނަޝީދަކީ މިހާރު ސިކުނޑި ހަމަޖެހޭ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ ސިކުނޑި މަސައްކަތް ނުކުރަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިވަޑައިގަތުމުން ކަމަށްވެސް ފަލާހު ވަނީ ތުހުމަތުކޮށްފައެވެ.
އިިދިކޮޅު އިއްތިހާދުގައި ހިމެނި ވަޑައިގަންނަވާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށްވެސް ފަލާހުގެ ފާޑުކިޔުންތައް ރޭ އަމާޒުވެފައިވެއެވެ. ފަލާހު ވަނީ ރައީސް ޔާމީންގެ ވެރިކަން ނިމޭނެ ކަމަށް ހީކޮށް ގާސިމް ޖަރުމަނުވިލާތުގައި ހުންނަން ގަސްދު ކުރައްވާނަމަ ކުރިއަށް އޮތް ހަ އަހަރުގައި ވެސް ގާސިމް ހުންނަވަން ޖެހޭނީ އެ ވިލާތުގައި، އަރުވާލެވިގެން ކަމަށެވެ.
ގާސިމްއަށް ވަނީ ރިޝްވަތު ހުށައެޅި ކަމުގެ ކުށް ސާބިތުވެ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައެވެ. ނަމަވެސް މިވަގުތު އެމަނިކުފާނު ހުންނެވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ބޭރުގައެވެ. ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުންގެ ނަޒަރުގައި އިދިކޮޅު ހަރަކާތްތަކަށް ފައިސާ ދެނީ ގާސިމްއެވެ.