Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

"ރާއްޖެ ހަމަމަގަށް އަޅުވަން އިންޑިއާ ލީޑު ނަގަން ޖެހޭ"

ރާއްޖެ ޑިމޮކްރަސީގެ ރުޖޫއު ކުރުމުގައި އިންޑިއާ ލީޑު ނަގަން ޖެހޭކަމަށް ނައިބް ރައީސް ކަމުގެ މަގާމުން ދުރުކޮށްފައިވާ ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ލަންޑަނުގައި ހުންނަވައިގެން "އިންޑިއަން އެކްސްޕްރެސް"އަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލް ވިދާޅުވީ ރާއްޖެ ހަމަ މަގަށް އެޅުވުމަށް ރައްޔިތުންނަށް ކުރެވެން ހުރި ހުރިހާކަމެއް ކޮށްފިކަމަށެވެ.

އެގޮތުން މިއަދު ރައްޔިތުން އިންސާފު ހޯދަން ދާނެތަނެއް ނެތް ކަމަށާއި ދެން އޮތީ ބައިނަލް އަގްވާމީ މުޖްތަމައުން ކޮށްދެވެން ހުރި ކަންކަންކަމަށާއި އެކަމުގައި އިންޑިއާއަށް ލީޑް ރޯލެއް އަދާކޮށްދެވޭނެކަމަށެވެ.

ޖަމީލް ވިދާޅުވީ ޝަރުއީ ދާއިރާއިން ކަންކަން ހައްލު ކުރުމަށް ކުރެވުނު މަސައްކަތްވެސް ހުއްޓުވާފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ވެސް ރައްޔިތުން ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް މިއަދު އެހުރިހާކަމެއް ވަނީ އަތްދަށުލާފައި ކަމަށެވެ.

ޖަމީލް މިފަދައިން އިންޓަވިއު ދީފައިވާ އިރު ދިވެހި ސަރުކާރުން ވަނީ އިންޑިއާއިން ރާއްޖޭގެ ކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލާފައެވެ. އަދި މި އުނގަދޫ ވަގުތު އިތުރަށް އުނދަގޫ ނުކުރުމަށް ވަނީ އެދިފައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގެ ކަންކަމާއި ގުޅިގެން ސަރަހައްދީ ދެ ބާރު ކަމުގައިވާ އިންޑިއާ އަދި ޗައިނާއިން ދަނީ އެއްގައުމު އަނެއް ގައުމަށް ރާއްޖޭގެ ކަންކަމަށް ނުފޫޒު ނުފޯރުވުމަށް ގޮވާލަމުންނެވެ.