ރޭގަނޑު 10:30 އެއްވެ އުޅުމަކީ މަނާކަމެއް ކަމުގައި ފުލުހުން ކަނޑައަޅައިފިއެވެ. އެއިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޑެންޓް އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވެފައިވަނީ މިރެއިން ފެށިގެން އެއްވެސް ތަނެއްގައި 10:30 ގެ ފަހުން އެއްވެ ނޫޅެވޭނެ ކަމަށް އިއުލާންކޮށްފައެވެ.
އަދި ކާފިއުގެ ފަހުން އެއްވެ އުޅޭ ފަރާތްތަކުން ހުއްޓުވާނެ ކަމަށް ޝިފާން ވަނީ ޕްރެސްގައި ވިދާޅުވެފައެވެ. ސިޔާސީ ޕާޓީތަކުގެ ޖަގަހަ ތަކާއި މަގުމަތީގައި އެއްވެ އުޅޭނަމަ އެކަން ހުއްޓުވާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.
އަދި މިއީ ސިޔާސީ އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި ކުރާނެ ކަމެއް ކަށާއި އެހެންކަމުން އެއްވެސް ސިޔާސީ ޕާޓީއަކުން 10:30 ގެ ފަހުން އެއްވެ ނޫޅުމަށް ޝިފާން ވަނީ އިލްތިމާސް ކޮށްފައެވެ.
ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން މިމަހުގެ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، އެއްވެ އުޅުމުގެ ހައްގު ވަނީ ހިފަހައްޓާފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތަކީ ބާތިލު އެއްޗެއް ކަމަށް ބުނެ ކޮންމެ ދުވަހަކު ހަވީރާއި ރޭގަނޑު މުޒާހަރާކޮށް، އަޑުއުފުލަމުންނެވެ.
ފުލުހުން އަންނަނީ އިދިކޮޅު ފަރާތްތަކުގެ މުޒާހަރާއަށް ހުރަސް އަޅައި، ބާރުގެ ބޭނުން ކޮށްގެންވެސް މުޒާހަރާތައް ރޫޅަމުންނެވެ. ބައެއް މީހުން މުޒާހަރާ ތެރެއިން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ބައެއް މީހުން އަދިވެސް ވަނީ ހައްޔަރުގައެވެ.