ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެން ދިވެހި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ޕީޕީއެމްގެ ނައިބް ލީޑަރ އަބްދުއް ރަހީމް ކުރެއްވި މަސައްކަތަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކު ތައުރީފް ކުރައްވައިފިއެވެ.
މިރޭ ރުމާލު 2 ޖަގަހަގައި ބޭއްވި ޖަލްސާގައި ނިހާން ވިދާޅުވީ އަބްދުއް ރަހީމްއަށް އައްސަރި ބަހާއި ސާބަސް ރައްދު ކުރައްވާ ކަމަށާއި އެއީ މިހާރު އަސްލު ޖެނެރަލް ކަމަށެވެ.
ނިހާނު އަބްދުއް ރަހީމްއަށް ޖެނެރަލް ކަމަށް ވިދާޅުވެފައިވަނީ ފަހަކަށް އައިސް ޕީޕީއެމްގެ ނޫސް ކޮންފަރެންސްތަކުގައި އަދުރޭ ދައްކަވާ ވާހަކަފުޅުތަކާއި ފުލުހުންނާއި ސިފައިން ފަހުން އަންގާ އެންގުން ދިމާވާތީއެވެ. އަދި އިދިކޮޅު ފަރާތްތަކުން އަދުރޭ ސިފަ ކުރަނީ އިރާގުގެ ރައީސް ސައްދާމު ހުސެއިންގެ ވެރިކަމުގައި އެގައުމުގެ އޭރުގެ އިންފޮމޭޝަން މިނިސްޓަރ ސައްހާފު އާއި އެއްގޮތް ކޮށްފައެވެ.
"އަޅުގަނޑުމެންގެ މިއަދުގެ ސައްޔިދަކީ އަބްދުލް ރަހީމް، އަލް ސައްޔިދު އަބްދުލް ރަހީމް، މިކަމާ ވެސް ޖިތުގަ ޖެހޭނެ ބަޔަކު ތިބޭނެ މޭކާރާނެ، އެކަމަކު މީގެ ފަހުން އަޅުގަނޑު އެމަނިކުފާނަށް ގޮވާނީ އަލް ސައްޔިދު އަބްދުލް ރަހީމްގެ ނަމުން،"
ނިހާން ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި އަދުރޭ ވަނީ އޭނާއަށް ސޯޝަލް މީޑިއާގައި ފަހަކަށް އައިސް ކިޔަމުންދާ ފާޑު ވިދާޅުވުމަށް ރައްދު ދެއްވާފައެވެ. އަދުރޭ ވިދާޅުވީ ކޮންމެ ނަމެއް ކިޔައި، ކޮންމެ ފަދަ ފޮޓޯއެއް އެކި ޔުނިފޯމް ޔުނިފޯމްގައި ހެދިނަމަވެސް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓާލާނެވަރުގެ ފޮޓޯއެއް ނެހެދޭނެކަމަށެވެ.
އަދުރޭ އާއި ނިހާނު ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ނިހާން ވިދާޅުވީ އަދުރޭ ކުރައްވަމުންދާ މަސައްކަތާއި ގުޅިގެން އިދިކޮޅު ފަރާތްތައް މޭކަރަމުން އަންނަ ކަމަށެވެ.