Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު 1-2 އިން ޔުނައިޓެޑު ކާމިޔާބުކޮށްފިއެވެ. މިމެޗު ޔުނައިޓެޑު ކާމިޔާބުކުރީ ޗެލްސީ އިން ލަނޑެއް ޖަހާފައިވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ދަނޑު، އޮލްޑް ޓްރެފޯޑްގައި ކުޅުނު މިމެޗުގެ ފުރަތަމަކޮޅު ޗެލްސީން ރަނގަޅަށް ކުޅުނު ނަމަވެސް ޔުނައިޓެޑުން ވަނީ ދެވަނަ ހާފުގައި ކޮންޓްރޯލް ނަގާފައެވެ.

މެޗުގެ ފުރަތަމަ 20 މިނެޓު ޗެލްސީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާއިރު އެޓީމުގެ އަލްވާރޯ މޮރާޓާއަށް ވަނީ ހުސް ފުރުސަތުތަކެއްވެސް ލިބިފައެވެ. ނަމަވެސް ގޯލެއް ނުޖެހި އޮތްވާ ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށް ނުރައްކާތެރި ހަމަލާތައް އުފައްދާފައެވެ.

ޗެލްސީން ލީޑު ނެގީ ޔުނައިޓެޑުން ކުރިއަށް ދިޔަ ދަނޑިވަޅުގައި ކައުންޓާ އެޓޭކުގައި ބޯޅަ ކުޅެގެންނެވެ. ހަޒާޑުގެ ރީތި ބޯޅައެއް ވިލިއަންއަށް ހުސްކޮށް ދިނުމުން، އޭނާ ފޮނުވާލި ބާރު ބޯޅަ ކީޕަރު ޑެހެއާއަށް މަތަ ކުރެވޭނެ ގޮތެއް ނުވިއެވެ.

ޗެލްސީން ލީޑު ނެގުމުން ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. ނަތީޖާއަކަށް ވީ 39 ވަނަ މިނެޓުގައި ލުކާކޫ ޔުނައިޓެޑަށް ނަތީޖާ އެއްވަރު ކޮށްދިނުމެވެ. ލުކާކޫއާއި މާޝިއަލްގެ ރީތި ކުޅުމެއް ފެނިގެން ދިއުމަށް ފަހު އޭރިޔާ ތެރެއިން މާޝިއަލް ލުކާކޫއަށް ހުސްކޮށް ދިން ބޯޅަ އޭނާ ވަނީ ފަސޭހަކަމާއެކު ގޯލަށް ފޮނުވާލާފައެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑުން މެޗުގެ ކޮންޓްރޯލް ނަގައި، ކުޅުން ރަނގަޅު ކުރިއެވެ. ނަމަވެސް ޗެލްސީ ކުޅުންތެރިންނަށް މިހާފުގައި އެދެވޭ ނަތީޖާއެއް ދެއްކިފައެއް ނުވެއެވެ. ޔުނައިޓެޑުގެ ދެވަނަ ގޯލު ޖަހާފައިވަނީ މެޗުގެ 60 ވަނަ މިނެޓުގައި ކުޅެން ނިކުތް ޖެސީ ލިންގާޑްއެވެ. މި ލަނޑަކީ ލުކާކޫ ހުރަސް ކޮށްދިން ބޯޅައަކުން ލިންގާޑު ކާމިޔާބުކުރި ލަނޑެކެވެ.

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޔުނައިޓެޑު ވަނީ އަނެއްކާވެސް ދެވަނައަށް އަރާފައެވެ. އަދި ޗެލްސީ ވަނީ ތާވަލުގެ ފަސްވަނަ އަށް ވެއްޓިފައެވެ. ޗެލްސީ ދެން ކުޅެން ޖެހެނީ ރަށުން ބޭރުގައި ލީގު ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާއެވެ.