އިނގިރޭސި ފުޓުބޯޅަ ލީގު ކަޕުގެ ފައިނަލުގައި މެންޗެސްޓާ ސިޓީ އަދި އާސެނަލް ބައްދަލުކުރި މެޗު 0-3 އިން ސިޓީ ކާމިޔާބުކޮށް، ތަށި އުފުލާލައިފިއެވެ.
މިއީ މެންޗެސްޓާ ސިޓީގެ ކޯޗުކަމާއި ޕެޕް ގާޑިއޯލާ ހަވާލުވި ފަހުން އޭނާއަށް ލިބުނު ފުރަތަމަ ތަށްޓެވެ. މުޅި މެޗުގައިވެސް ސިޓީ ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު މެޗުގެ ކުރިންވެސް ތަށިއުފުލާލާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރީ ސިޓީއެވެ.
މެޗުގައި ސިޓީގެ ފުރަތަމަ ގޯލު ފެނިގެން ދިޔައީ 18 ވަނަ މިނެޓުގައެވެ. ގޯލު ކީޕަރު ބްރާވޯ ގޯލު ކިކަކުން ފޮނުވާލި ބޯޅަ އަގުއޭރޯ ވަނީ ހޯދައި، ގޯލުގެ ތެރެއަށް ފޮނުވާލައި އާސެނަލްގެ ޑިފެންސް ސިއްސުވާލާފައެވެ.
ފުރަތަމަ ހާފު ގާޑިއޯލާގެ ޓީމު ކުރީގައި އޮވެ ނިމިގެން ގޮސްފައިވާއިރު ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ ސިޓީގެ ކެޕްޓަން ކޮމްޕެނީ ވަނީ ދެވަނަ ގޯލު ޖަހައި ލީޑު ފުޅާކޮށްފައެވެ. އާސެނަލްއަށް ޖަވާބުގައި ރަނގަޅު ކުޅުމެއް ނުދެއްކެނީސް ޑޭވިޑް ސިލްވާ ވަނީ 65 ވަނަ މިނެޓުގައި ތިންވަނަ ލަނޑާއެކު ސިޓީއަށް ތަށި ޔަގީން ކޮށްދީފައެވެ.
އަނެއްކާވެސް ބުރާސްފަތި ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި މިދެޓީމު ބައްދަލުކުރަން ޖެހެއެވެ. މިމެޗު ކުޅޭނީ އާސެނަލްގެ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައެވެ.