ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރާއްޖެ އައި ލޯއޭޝިޔާގެ ވަފުދަށް ރާއްޖެ އެރުނަ ނުދީ، އަނބުރާ ފޮނުވާލައިފިއެވެ.
ލޯ އޭޝިޔާގެ އިސް ވަފުދެއް ރޭގެ ވަގުތެއްގައި ރާއްޖެ އައި ނަމަވެސް އެބޭފުޅުންނަށް ރާއްޖެ އެރުމުގެ ހުއްދަ ނުދިނުމުން ވަނީ މިއަދު ހެނދުނު ލަންކާއަށް ފުރާފައެވެ. ރާއްޖެ ވަޑައިގަތް ވަފުދުގެ ތެރޭގައި އެ ޖަމިއްޔާގެ ރައީސް ކްރިސްޓޮފާ ލިއޮން އާއި ކުރީގެ ރައީސް ޕްރަޝާންތު ކުމާރާއި އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު އުޕުލް ޖަޔަސޫރިޔާ އާއި ލޯ އޭޝިއާގެ ކަންޓްރީ ކައުންސެލަރު އަދި ސިންގަޕޫރުގެ ބާ އެސޯސިއޭޝަންގެ ރައީސް ގްރެޖޯރީ ވިޖެޔަންދުރަން އާއި ދަ ލޯ ސޮސައިޓީ އޮފް ނިއު ސައުތު ވޭލްސް ރައީސް ޑަގް ހަމްފްރޭސް ވަނީ ރާއްޖެ ވަޑައިގެން، ހުއްދަ ނުލިބުމުން އަނބުރާ ލަންކާއަށް ފުރާފައެވެ.
އަދި މީގެ ސަބަބުން ވަފުދުން ދިވެހި ވަކީލުންނާއެކު ތާވަލުކުރި ބައްދަލުވުން ކެންސަލް ކުރެވިފައިވާކަން ވަނީ މިހާރު ވަކީލުންނަށް އަންގާފައެވެ. މިވަފުދަށް ރާއްޖެ އެރުމުގެ ހުއްދަ ނުދިން ސަބަބެއް އިމިގްރޭޝަނުން އަދި ހާމަކޮށްފައެއް ނުވެއެވެ.