Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

މަޖްލިސްގެ ކޮމެޓީއަށް ދިޔަ ނޫސްވެރިނަށް ސިފައިން ހުރަސް އަޅައިފި

މަޖްލިސް މައި ދޮރުމަތީގައި ސިފައިން އެތުރިލައިގެން.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ކުރިއަށްދިޔަ ކޮމެޓީ ބައްދަލުވުން ކަވަރު ކުރަން ދިޔަ ނޫސްވެރިންނަށް ސިފައިން ހުރަސް އަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީސް ކުރާގޭގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނަ ސިފައިން ވަނީ ނޫސްވެރިން ވައްދަން ދެކޮޅު ހަދާފައެވެ.

ސިފައިން ބުނެފައިވަނީ މީޑިއާ ވައްދަން މަޖްލިސްގެ އިދާރާއިން އަންގާފައި ނުވާކަމަށެވެ. އެހެންވެ ނުވަދެވޭނެކަމަށެވެ.

މަޖްލިސްގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ސިއްރުކޮށްގެން ބާއްވާ ކޮމެޓީ ބައްދަލުވުން ފިޔަވައި ދެން ކުރިއަށްދާ ކޮމެޓީ ބައްދަލުވުން ކަވަރު ކުރުމަށް ނޫސްވެރިންނަށް ވަދެވޭނެއެވެ.

މަޖްލިސްގައި މިއަދު ކުރިއަށް ގެންދިޔަ މިނިވަން މުވައްސަސާ އާއި ބެހޭ ކޮމެޓީ އާއި ގައުމީ ސަލާމަތާއި ގުޅޭ ކޮމެޓީގެ ދެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުންތަކެއް ނޫނެވެ.

ސިފައިން މީޑިއާތަކަށް މަޖްލިސް ކުރާގެއަށް ވަނުމަށް ހުރަސް އަޅާފައިވާ އިރު މަޖްލިސްގެ ދައުރުން ބޭރުން ބޭއްވި ޖަލްސާތަކަށްވެސް ސިފައިންނާއި ފުލުހުން ވަނީ ހުރަސް އަޅާފައެވެ.