Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ކުއްލި ހާލަތު އުވާލާ، ނޫނީ ފިޔަވަޅު އަޅަން ޖެހިދާނެ: އީޔޫ

ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައި ފަނޑިޔާރުންނާއި ސިޔާސީ ބޭފުޅުން މިނިވަންކޮށް ޑިމޮކްރަސީގެ ހަމަތަކަށް ރުޖޫޢަ ނުވެއްޖެނަމަ ދިވެހިރާއްޖެ އާއިމެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ވިލާތުގެ އިއްތިހާދު (އީޔޫ) އިން ބުނެފި އެވެ.

އީޔޫ އިން މިހެން ބުނެފައި ވަނީ ދާދި ދެންމެއަކު ފާސްކުރި ޤަރާރުގަ އެވެ. އެއީ މި ހިނގާ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ހުށަހެޅި ދެލިކޮޕީއެއްގެ މައްޗަށް އީޔޫ ކައުންސިލްގެ ބައްދަލުވުމުގައި ފާސްކުރި ޤަރާރެކެވެ.

އެގޮތުން މިއަދު ފާސްކުރި ޤަރާރުގައި އިސްކަންދޭ ހަ ނުކުތާއެއް ހިމަނާފައި ވެއެވެ.

މިއަދު އީޔޫ އިން ފާސްކުރި އެ ޤަރާރުގައި ވަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު މިހާރުން މިހާރަށް އުވާލައި ޤަނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ހުރިހާ ޙައްޢެއް އިއާދަކޮށް، ސަރުކާރާއި އިދިކޮޅު ފަރާތްތަކާއެކު އިޚްލާސްތެރި ކަމާއެކު ވާހަކަތައް ފެށުމަށް ގޮވާލާފައެވެ.

އަދި ޔޫއެން މެދުވެރިވެެގެން ސަރުކާރުން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރާ ނަމަ އެކަމަށް އެހީތެރިވާނެ ކަަަމަށްވެސް އީޔޫ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ މި މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ތަންފީޒު ނުކުރާ މައްސަލަ އާއި ޖަލުގައި ތިބި ސިޔާސީ ބޭފުޅުންގެ ޝަރީއަތްތައް ހިންގާފައިވާ ގޮތާ މެދު އެ އަމުރުގައި ސުވާލު އުފައްދާފައިވާ ކަމާއި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވާކަން ވެސް ފާހަގަކޮށްފައެވެ.

އަދި ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީ ގާނޫނީ ހަމަތަކުގެ މަތިން ހިންގުމުގެ ފުރުސަތު ދޭންޖެހޭކަން ފާހަގަކުރަމުން ކައުންސިލުން ބުނީ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލައި އަސާސީ އަދި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މަސައްކަތް ރާއްޖޭގެ މުއައްސަސާތަކުން ކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުމާއެކު އިންސާފުވެރިކަމާ އެކު ޝަރީއަތް ހިންގަންޖެހޭކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިފަހުން އީޔޫ ސަފީރު ދެ ފަހަރަށް ރާއްޖެއަށް ވަޑައިގެންފައި ވާއިރު، ފުރަތަމަ ވަޑައިގެންނެވި ފަހަރު އޭނާ އެނބުރި ވަޑައިގެންނެވީ ސަރުކާރުގެ އިސްވެރިޔަކާ ބައްދަލުނުކުރެއްވިގެން ނުރުހުން ފާޅުކުރައްވާފަ އެވެ. ނަމަވެސް ދެވަނަ ފަހަރު ވަޑައިގެން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާ ބައްދަލު ކުރެއްވުމަށް ފަހު މީޑިއާއަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.