Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ގަރާރު ފާސްކުރަން 43 މެމްބަރުން ތިބުން ލާޒިމެއް ނޫން: ސުޕްރީމް ކޯޓު

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރުމަށް މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވުން ލާޒިމެއް ނޫން ކަމަށާއި މަޖިލީހުން ގަރާރު ފާސްކޮށްފައި އޮތީ ރަނގަޅަށް ކަމަށް ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

ރައީސުލް ޖުމުހޫރިއްޔާ މިމަހުގެ 5 ވަނަ ދުވަހު 15 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު، އެ މުއްދަތު 30 ދުވަހަށް އިތުރުކުރުމަށް މަޖިލީހަށް ހުށައެޅުމުން ގަރާރު ފާސްވެފައިވަނީ 36 މެމްބަރުންގެ ވޯޓުންނެވެ.

ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުން ސީދާ އެއަށް އަމަލު ކުރަން ޖެހޭ އެއްޗަކަށް ވުމުން، ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގައި އެފަދަ ކަމެއް މަޖިލީހުން ފާސްކުރެވޭނީ މަޖިލީހުގެ ދެބައި ކުޅަ އެއްބައި މެމްބަރުން ހާޒިރުވެގެން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ގަރާރަކީ ބާތިލު އެއްޗެއް ކަމަށް ގޮވާފައެވެ.

މިމައްސަލަ ބައްލަވަމުން ސުޕްރީމް ކޯޓުން ވަނީ ރައްޔިތުންގެ މަޖިލީހުން އަމަލުކުރި ގޮތަކީ ސައްހަ ގޮތް ކަމަށް ކަނޑައަޅައި ހުކުމްކޮށްފައެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރުމަށް މަޖިލީހުގައި ބޭނުންވާ މެމްބަރުންގެ އަދަދަކީ ގާނޫނު އަސާސީގެ 86 ވަނަ މާއްދާގައި ބުނާ ގޮތުންނަމަ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރު ބައި ކުޅަ އެއްބައި މެމްބަރުން ކަމަށާއި އެއަދަދަށް މެމްބަރުން ހަމަވެފައިވާތީ ގަރާރު ސައްހަ ކަމަށް މައްސަލަ ބެއްލެވި ފަނދިޔާރުންގެ އިއްތިފާގުން ހުކުމް އިއްވާފައިވެއެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ރައީސުލް ޖުމުހޫރިއްޔާ އިއްވެވި ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުން އަމަލު ކުރުން ޒިމް ކުރާ އާންމު އަދި މުޖައްރަދު ގާއިދާތަކެއް ހިމެނިގެންވާ ގަރާރެއް ނޫން ކަމަށާއި އެކަމަކު އެފަދަ ގަރާރެއް ތަންފީޒު ކުރުމުގެ ގޮތުން ހެދިފައިވާ ގާނޫނުތަކެއްވާ ނަމަ، އެ ގާނޫނުތަކަކީ ރައްޔިތުން އަމަލު ކުރުން ލާޒިމްވާ ގާއިދާތަކެއް ހިމެނޭ ގާނޫނުތަކެއް ކަމަށް ސުޕްރީމް ކޯޓުގެ ލަފާގައިވެއެވެ.

ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމަވަނީ އުއްތަމަ ފަނޑިޔާރު، އަބްދުﷲ ސައީދު މަގާމުން އިސްތިއުފާ ދެއްވުމަށް ބަލައިގެން ކަމަށާއި އެމަނިކުފާނު އެގޮތަށް އަމަލު ނުކުރާހާ ހިނދަކު ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ނުގެންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.