ދިވެހި ރާއްޖެއާ ދޭތެރޭ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ކުރިން ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ކުރި އަމުރު ތަންފީޒު ކުރުމަށް ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ސަރުކާރަށް އަނެއްކާވެސް އިލްތިމާސް ކޮށްފިއެވެ.
އިދިކޮޅު ފަރާތްތަކުން ސަރުކާރަށް މިފަދައިން ގޮވާލާފައި މިވަނީ މިއަދު ވިލާތުގެ އިއްތިހާދު(އީޔޫ) އިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެ އިންޒާރެއް ދީފައި ވަނިކޮށެވެ. އީޔޫގެ ފޮރެން އެފެއާޒް ކައުންސިލުން ވަނީ މިއަދު އެ ކައުންސިލްގެ ބައްދަލުވުމުގައި ސަރުކާރުން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމަށް ގޮވާލާފައިވެއެވެ.
މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ވެސް ވަނީ ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކުރުމަށް ފަހު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުން ވަނީ ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރުގައި ލީޑަރުން މިނިވަން ކުރުމަށް ކުރި އަމުރު ބާތިލުކޮށް، އަމުރެއް ނެރެފައެވެ.
އަދި ފެބްރުއަރީ އެއްވަނަ ދުވަހު އެކޯޓުން ނެރުނު އަމުރުގައި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި ހުކުމަށް އަމަލު ކުރުން ވަނީ ވަގުތީ ގޮތުން ފަސްކޮށްފައެވެ. އޭގެ ސަބަބުން މެމްބަރުންނަށް ވަނީ މަޖިލީހަށް ނުވަދެވޭ ގޮތް ވެފައެވެ.