ޔޫރަޕިިއަން ޔުނިއަން (އީޔޫ)އިން ރާއްޖެ އާއި މެދު ފިޔަވަޅެއް ނާޅާނެކަމަށާއި، އެ ޖަމިއްޔާއިން މިއަދު ގޮވާލި ގޮވާލުމަށް ތާއިދު ކުރައްވާކަމަށް ސަރުކާރުން ބުނެފިއެވެ.
އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު ޝިއާން ވިދާޅުވީ ރާއްޖެ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ފުރިހަމަ އަށް އެބައޮތް ކަމަށެވެ.
ޝިއާން ވިދާޅުވީ އީޔޫއިން ގޮވާލާފައިވަނީ ކުއްލި ހާލަތު އުވާލައި ސިޔާސީ ފަރާތްތަކާއި އެކު މަޝްވަރާ ކުރުން ކަމަށެވެ. އަދި ސަރުކާރުން މިހާރުވެސް އިދިކޮޅު ޕާޓީތައް މަޝްވަރާގެ މޭޒު ދޮށައް އައުމަށް ދައުވަތު ދީފައިވާކަން ޝިއާން ފާހަގަ ކުރެއްވިއެވެ.
އީޔޫ އިން މިއަދު ރާއްޖެ އާއި ދެކޮޅަށް ފާސްކުރި ގަރާރުގައި ގޮވާލާފައިވަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު މިހާރުން މިހާރަށް އުވާލައި ޤަނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ހުރިހާ ޙައްޢެއް އިއާދަކޮށް، ސަރުކާރާއި އިދިކޮޅު ފަރާތްތަކާއެކު އިޚްލާސްތެރި ކަމާއެކު ވާހަކަތައް ފެށުމަށެވެ.
އަދި ޔޫއެން މެދުވެރިވެެގެން ސަރުކާރުން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރާ ނަމަ އެކަމަށް އެހީތެރިވާނެ ކަަަމަށްވެސް އީޔޫ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކައުންސިލުން ވަނީ މި މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ތަންފީޒު ނުކުރާ މައްސަލަ އާއި ޖަލުގައި ތިބި ސިޔާސީ ބޭފުޅުންގެ ޝަރީއަތްތައް ހިންގާފައިވާ ގޮތާ މެދު އެ އަމުރުގައި ސުވާލު އުފައްދާފައިވާ ކަމާއި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވާކަން ވެސް ފާހަގަކޮށްފައެވެ.
އަދި ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީ ގާނޫނީ ހަމަތަކުގެ މަތިން ހިންގުމުގެ ފުރުސަތު ދޭންޖެހޭކަން ފާހަގަކުރަމުން ކައުންސިލުން ބުނީ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލައި އަސާސީ އަދި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މަސައްކަތް ރާއްޖޭގެ މުއައްސަސާތަކުން ކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުމާއެކު އިންސާފުވެރިކަމާ އެކު ޝަރީއަތް ހިންގަންޖެހޭކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިފަހުން އީޔޫ ސަފީރު ދެ ފަހަރަށް ރާއްޖެއަށް ވަޑައިގެންފައި ވާއިރު، ފުރަތަމަ ވަޑައިގެންނެވި ފަހަރު އޭނާ އެނބުރި ވަޑައިގެންނެވީ ސަރުކާރުގެ އިސްވެރިޔަކާ ބައްދަލުނުކުރެއްވިގެން ނުރުހުން ފާޅުކުރައްވާފަ އެވެ. ނަމަވެސް ދެވަނަ ފަހަރު ވަޑައިގެން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާ ބައްދަލު ކުރެއްވުމަށް ފަހު މީޑިއާއަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.