Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ގެލެކްސީ އެސް 9 ދައްކާލައިފި، އިންސާފުކޮށްލާ!

ސެމްސަންގް ގެލެކްސީ ސީރީޒްގެ އެންމެ ފަހުގެ ފޯނު، ސެމްސަންގް އެސް 9 އާންމުންނަށް ދައްކާލައިފިއެވެ. ބޭރު ފުށުން އެސް 8އާ މާ ބޮޑު ތަފާތެއް ނުފެނު ކަމުގައި ވިޔަސް ސެމްސަންގުން ބުނަނީ ފޯނު ބޭނުންކުރަން ފެށުމުން ތަފާތު ފެނިގެން ދާނެ ކަމަށެވެ.

އެސް 9 އަދި އެސް 9 ޕްލަސް ސެމްސަންގުން ދައްކާލާފައިވަނީ މިހާރު ބާސެލޯނާގައި ކުރިއަށްދާ ވޯލްޑް މޮބައިލް ކޮންގްރެސް 2018 ގައެވެ.

ރީތި ބައްޓަމަކަށް މިފޯނުވެސް ސެމްސަންގުން ފަރުމާކޮށްފައިވާއިރު މިފޯނު ވެފައިވަނީ ގެލެކްސީ އާއިލާގެ ފޯނުތަކުގެ ތެރެއިން މިހާތަނަށް ތައާރަފްކުރި އެންމެ ވަރުގަދަ ކެމެރާ ހުރި ފޯނަށެވެ. މީގެ އިތުރުން އެސް 9 ގައި ވަރުގަދަ ސްޕީކަރު ސިސްޓަމެއް ވަނީ ގާއިމުކުރެވިފައެވެ.

އަދި އެންމެ ފަހުގެ އެޕަލް އައިފޯނުގައި ތައާރަފްކުރި އެނިމޯޖީ ފަދަ ޓެކްނޮލޮޖީއެއް ސެމްސަންގުން ވެސް ވަނީ ތައާރަފްކޮށްފައެވެ. އޭއާރުގެ ނަމުން ނަން ދީފައިވާ މި އިމޯޖީ ޒާތުގެ ވީޑިއޯ ކޮޅު ނަގާ ސެލްފީއެއްގައި ކުރާ ހަރަކާތެއް ރިކޯޑުކޮށް ޑިޖިޓަލް ކޮށްލައެވެ.

ދިވެހިންގެ މެދުގައި ސެމްސަންގެ ފޯނުތައް ވަރަށް ބޮޑަށް މަޝްހޫރު ވެގެންގޮސްފައިވި ނަމަވެސް ފަހަކަށް އައިސް ސެމްސަންގ އަށްވުރެ އެޕަލްގެ އައިފޯންތައް ވަނީ ރާއްޖޭގައި މަޝްހޫރުވެފައެވެ. ނަމަވެސް ސެމްސަންގ ބޭނުންކުރާ ފަރާތްތަކުން ބުނަމުން އަންނަނީ އެޕަލް ފޯނުތަކުގައި ނުހުންނަ އެތައް ފީޗާއެއް އެމީހުންނަށް ބޭނުންކުރެވޭ ކަމަށެވެ.