އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިންޑިއާގެ ކަނޑުގެ ސިފައިންގެ ތަމްރީނު ތަކުގައި ދިވެހިން އަސްކަރިއްޔާއިން ބައިވެރި ނުވިކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
އިންޑިއާގެ ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް ސުނިލް ލަންބާއާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ ރާއްޖެއިން އެ ތަމްރީނުތަކުގައި ބައިވެރި ނުވި ސަބަބެއް ސާފެއް ނުވާކަމަށެވެ.
ކޮންމެ އަހަރަކު އިންޑިއާއިން ކުރިއަށް ގެންދާ ސަރަހައްދީ ކަނޑުގެ ތަމްރީނުތައް ކުރިއަށް ގެންދަނީ އަންޑަމަން އާއި ނިކޮބަ އައިލެންޑްސް ކައިރީގައި ކަމަށް ޓައިމްސް އޮފް އިންޑިއާއިން ބުނެއެވެ.
ޖުމްލަ 16 ގައުމަކުން ބައިވެރިވާނެކަން އަންގާފައިވާ ކަމަށް އެޑްމިރަލް ސުނިލް ލަންބާ ވަނީ ބުނެފައެވެ. މިކަމާއި ގުޅޭ ގޮތުން ދިވެހި އަސްކަރިއްޔާއިން އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވެއެވެ.
އިންޑިއާ އާއި ރާއްޖޭގެ ސިފައިންގެ ތަމްރީނުތައް ދޭތެރެ ދޭތެރެއިން ބާއްވަމުން އަންނަ އިރު މި މަހުގެ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އިންޑިއާއިން ވަނީ ހަރުކަށިކޮށް ރާއްޖެއަށް ގޮވާލާފައެވެ. އަދި އެ ކަމަކާއި ދިވެހި ސަރުކާރަކުން ބުނެފައިވަނީ ރާއްޖޭގެ ކަންކަން އަމިއްލައަށް ނިންމަން ފުރުސަތު ދިނުމަށެވެ.