Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

ޝަރުތަކަކާ ނުލައި މަޝްވަރާއަށް އާދޭ: ޝައިނީ

ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ: ފޮޓޯ: ޜައްޖެއެމްވީ

ރާއްޖޭގެ ސިޔާސީ މަޝްރަހު ހޫނުވެ، ވިލާތުގެ އިއްތިހާދުން ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެ އިންޒާރު ދިނުމުން ސަރުކާރުން އަނެއްކާވެސް މަޝްވަރާގެ މޭޒު އިޚްތިޔާރު ކުރުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޝްވަރާއަށް ގޮވާލާފައިވަނީ މިފަހަރުވެސް ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީއެވެ. "މިހާރު" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު ޝައިނީ ވިދާޅުވެފައިވަނީ އީޔޫގެ ގަރާރުން މަޝްވަރާގެ މުހިންމު ކަމަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައިވާ ކަމަށާއި ޝަރުތުތަކެއް މަތި ކުރުމެއް ނެތި ގައުމު އިސްކޮށް މަޝްވަރާގެ މޭޒު ދޮށަށް އައުމަށް ޝައިނީ ވަނީ ގޮވާލާފައެވެ.

އެންމެ ފަހަކަށް މަޝްވަރާއަށް ސަރުކާރުން ގޮވާލުމުން އިދިކޮޅު ފަރާތްތަކުން ވަނީ ޝަރުތުތަކެއް މަތިކޮށްފައެވެ. އިދިކޮޅުން ބުނެފައިވަނީ މަޝްވަރާ ކުރާނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ހައްޔަރުކުރި ކުރީގެ ރައީސް މައުމޫނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށް އަލީ ހަމީދު އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެހެނިހެން ހައްޔަރީން މިނިވަން ކުރުމުން ކަމަށެވެ.

އަދި މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލަށް ބައިނަލް އަގުވާމީ މިނިވަން އިދާރާއަކުން ވަނުމަށް ވެސް އިދިކޮޅުން ވަނީ ޝަރުތުކޮށްފައެވެ. އަދި އެ މެދުވެރިޔާގެ ރޯލަށް އދ. އަށް ދައުވަތު އަރުވައި ސިޓީ ފޮނުވުމުން، އދ. އިން ވަނީ ދައުވަތު ގަބޫލުކޮށް މެދުވެރިޔެއްގެ ރޯލު އަދާ ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ސަރުކާރުން ވަނީ އދ. ގެ ހުށައެޅުމަށް ދެކޮޅު ހަދާފައިކަމަށް އދ. އިން ހާމަކުރިއެވެ. އެއަށްފަހު ސަރުކާރުން ވަނީ އދ. ގެ އެއްވެސް ހުށައެޅުމަކަށް ދިވެހި ސަރުކާރުން ދެކޮޅު ހަދާފައިނުވާނެ ކަމަށް ބުނެފައެވެ. އެއަށްފަހު މަޝްވަރާގެ ވާހަކަތަކަށް އިތުރު ކުރިއެރުމެއް ނުލިބެނީސް ސަރުކާރުން އަނެއްކާވެސް މަޝްވަރާއަށް ގޮވާލާފައިވާއިރު ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން ވަނީ އެމަނިކުފާނާއި ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްނުލަނީސް މަޝްވަރާ ނުކުރާނެ ކަމަށާއި ތަހުގީގުތަކަށް އެއްބާރުލުންވެސް ނުދޭން ނިންމަވާފައެވެ.