ފުލުހުންނާއި ސިފައިންގެ 50 އަށް ވުރެ ގިނަ އޮފިސަރުން ހައްޔަރުކޮށްފައިވާ ކަމަށާއި އެބޭފުޅުން ވަގުތުން މިނިވަން ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުންނާއި ސިފައިންގެ ތެރެއިން 50 އަށްވުރެ ގިނަ އޮފިސަރުން ހައްޔަރުކޮށްފައިވާ ކަމަށާއި ބައެއް މީހުން ބެރެކްސް ތަކުގައި މުއާމަލާތު ނުކުރެވޭ ގޮތަށް ހައްޔަރުކޮށްފައިވާއިރު ބައެއް އިސް އޮފިސަރުން ދޫނިދޫގައި ހައްޔަރުކޮށްފައި އެބަތިބި ކަމަށެވެ.
އަދި އެއީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި އެހުރިހާ އޮފިސަރުން ވަގުތުން މިނިވަން ކުރުމަށް ނަޝީދު ވަނީ ގޮވާލާފައެވެ. ނަޝީދުގެ ޓުވީޓުގައި ބުނެފައިވަނީ އޮފިސަރުންތައް ހައްޔަރުކުރަނީ ރައީސް ޔާމީނުގެ ވަފާތެރި ފުލުހުންނާއި ސިފައިން ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާއިރު އިއްޔެވެސް ރަސްދޫ އިން ވަނީ ފަސް ފުލުހަކު ހައްޔަރުކޮށްފައެވެ. އަދި އޭގެ ކުރީ ދުވަހު ކުޅުދުއްފުށިން ފުލުހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެސްއޯ ސްވޮޓް ފޯސްގެ ކުރީގެ ކޮމާންޑަރ ސައިފް ދިރިއުޅުއްވާ ގެ ބަލާ ފާސްކުރުމަށް ފަހު އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
ސައިފްއާއެކު އިތުރު ފުލުހުންތަކެއް އެދުވަހު ހައްޔަރުކޮށްފައިވާއިރު އިއްޔެ ފުލުހުން ވަނީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ސައިފް ހިލާފުވެފައިވާ ކަމަށް ބުނެ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެ.