Last Updated: June 12, 22:07
Friday, June 12, 2026
ކުޅިވަރު

ނޭމާ އަށް ރެއާލް މެޗް ގެއްލިއްޖެ

ފްރާންސުގެ ޕެރިސް ސެއިންޓް ޖާމަން(ޕީއެސްޖީ) ގެ ތަރި، ނޭމާ ޖޫނިއާރ އަށް މިދިޔަ އާދީއްތަ ދުވަހު މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސްތަކަކަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.

ކުލަބުން ބުނެފައިވާ ގޮތުގައި ނޭމާގެ ފަޔަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އެގޮތުން ފައިގެ ހުޅަށާއި މަސްގަނޑަސް އަނިޔާވެފައިވާ ކަމަށް ކުލަބުން ބުނެފައިވެއެވެ. އަދި އަނިޔާއިން އެނބުރި އައުމަށް ދުވަސްތަކެއް ނަގާނެ ކަމަށް ކުލަބުން ބުނެފައިވި ނަމަވެސް ނޭމާ އެނބުރި އަންނަން ނަގާނީ ކިހާ ދުވަހެއް ކަމަށް ކުލަބުން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ބެލެވޭ ގޮތުގައި އަންނަ މާޗު މަހު ޗެމްޕިއަންސް ލީގުގެ ނޮކް-އައުޓް ސްޓޭޖުގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ޕީއެސްޖީ އަމިއްލަ ދަނޑުގައި ކުޅޭ މެޗު ނޭމާއަށް ގެއްލޭނެއެވެ. މިމެޗުގެ ފުރަތަމަ ލެގު މެޑްރިޑްގައި ކުޅެ ކާމިޔާބުކުރީ 1-3 އިން ރެއާލްއެވެ.

މިދިޔަ އޮގަސްޓު މަހުގެ ދުނިޔޭގެ ރެކޯޑު ފީއަކަށް ބާސެލޯނާއިން ޕީއެސްޖީއަށް ބަދަލުވުމަށް ފަހު ނޭމާ ވަނީ 30 މެޗުން 29 ގޯލު ޕެރިހަށް ކާމިޔާބުކޮށްފައެވެ. ޕީއެސްޖީ އޮތީ ފްރާންސު ލީގު ތާވަލުގެ އެއްވަނައިގައި 14 ޕޮއިންޓުގެ ލީޑެއްވެސް ނަގާފައެވެ.