Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު

ޝާމިން ހައްޔަރު ކުރީ މިނިސްޓަރެއްގެ ކާރުގައި ސްޓިކާ ޖެހި ފަހުން

މި މަހު 26 ވަނަ ދުވަހު ހައްޔަރު ކުރި 04 ފުލުހުންގެ ތެރޭގައި ހިމެނޭ ޕޮލިސް ކޯޕްރަލް ޢަލީ ޝާމިން ހައްޔަރުކޮށްފައިވަނީ ސަރުކާރު މިނިސްޓަރެއްގެ ކާރުކޮޅު ގަވާއިދާ ޚިލާފަށް ޕާކްކޮށްފައި އޮވެގެން އެ ކާރުކޮޅުގައި ސްޓިކާ ޖެހި މައްސަލައެއް ހޫނުވެފައި ވަނިކޮށްކަން އައްޑޫލައިވްއަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުން ޝާމިން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑްގައި މަސައްކަތް ކުރުމަށްފަހު ފަހުން މަސައްކަތްކޮށްފައިވަނީ ޓްރެފިކް ޕޮލިސްގަ އެވެ.

އެގޮތުން ޓްރެފިކް ޕޮލިސް ޑިއުޓީގައި މަސައްކަތް ކުރަމުން ދިޔައިރު ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައި އޮތް މިނިސްޓަރެއްގެ ދިދަޖެހި ކާރުކޮޅު ސޯސަން މަގުގައި އޮތުމުން ޝާމިން ވަނީ އެ ކާރުކޮޅުގައި ސްޓިކާ ޖަހާފައެވެ. މި މަސްތެރޭގައި ހިނގި މިހާދިސާ އާއި ގުޅިގެން މިނިސްޓަރު ވަނީ ފުލުހުންގެ އިސް ބޭފުޅުނަށް ޝަކުވާ ހުށަހަޅާފަކަމަށް ވެއެވެ.

އެގިފައިވާގޮތުން އެހާދިސާ ހިނގިތާ މާގިނަދުވަސްތަކެއް ނުވަނީސް ފުލުސް އޮފީހުންވަނީ ޝާމިން ރަސްދޫ އަށް ބަދަލުކޮށްފައެވެ. އަދި އިތުރު 03 ފުލުހަކާއެކު މިމަހު 26 ވަނަ ދުވަހު ފުލުހުންވަނީ ޝާމިން ހައްޔަރުކޮށްފައެވެ.

ހައްޔަރު ކުރެވުނު ފުލުހުން ހައްޔަރުކޮށްފައިވަނީ މިމަހު އެއް ވަނަ ދުވަހު ސިޔާސީ ލީޑަރުން ހިމެނޭގޮތަށް ނުވަ މީހަކު ޖަލުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވެ ފުލުހުންނާ ކުރިމަތިލި ކަމުގެ ތުހުމަތުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.