ގައުމެއް ނުރައްކަލުގެ ހާލަތަކަށް ހުށައެޅޭ އިރު އެ ގައުމަކަށް އެންމެ އިޚުލާސްތެރިކަމެއް އޮންނާނީ ގައުމުގެ ރައީސްގެ ހިތުގައި ކަމަށާއި އެހެންކަމުން ގައުމުގެ "ސަލާމަތީ ބާރުތަކުން" އަބަދުވެސް ތިބެން ޖެހޭނީ ރައީސްގެ ފިކުރާ އެއްކޮޅަށް ކަމަށް ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރޭ "ސިފައިންނާއެކު ދިވެހިން" ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ތާރީޚު ހެކިދޭ އެއް ކަމަކީ އަބަދުވެސް ވެރިކަމުގެ ދަހިވެތިކަން ހިތަށް ވަދެ، ވެރިކަން ބޭނުން ވެގެން އުޅޭ ބަޔަކު އުޅޭނެ ކަމަށެވެ.
އެހެންކަމުން ގައުމު ނުރައްކަލަކަށް ވެއްޓޭއިރު އިޚުލާސްތެރިކަން އެންމެ ފުރަތަމަ އިސްކުރައްވާނީ އަބަދުވެސް އެގައުމެއްގެ ވެރިޔާ ކަމަށާއި ވެރިޔާގެ ނިންމުންތަކަށް ބޯނުލަނބައި، އަމިއްލައަށް ކަންތައް ކުރަން ފަށައިފިނަމަ ގައުމު އޮޔާލާ ހިނގައިދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެހެންކަމުން "ސަލާމަތީ ބާރުތަކުން" އަބަދުވެސް ތިބެންވާނީ ވެރިޔާގެ ފިކުރުގައި ކަމަށާއި އެގޮތަށް ކަންނުކުރާނަމަ ގައުމު ހަމަ މަގެއްގައި ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "ސަލާމަތީ ބާރުތަކުން" ހުވާކޮށްގެން އެ މަގާމުގައި ތިބީ ގައުމު ދިފާއު ކުރަން ކަމަށާއި ގައުމަށް އެންމެ ރަނގަޅު ވާނީ ވެރިޔެއްގެ ފިކުރު ކަމަށް ރައީސް އިޝާރާތް ކުރެއްވިއެވެ.
އަދި "ސަލާމަތީ ބާރުތަކަށް" ވެސް ކޮމާންޑު ކުރުމަށާއި އެންމެ ފަހުގެ ބަސް ބުނުމަށް ރައްޔިތުން ހޮވާފައިވާ ވެރިޔަކީ ގައުމުގެ ރައީސް ކަމަށް ވީތީ ރައީސްގެ މަގާމުގައި ހުންނަ މީހެއްގެ ރަޢުޔު ހޯދަންވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއެވެ.