ސްޕެނިޝް ލީގުގައި ރޭ އެސްޕަންޔޮލްއާއި ރެއާލް މެޑްރިޑް ކުޅުނު މެޗު 0-1 އިން އެސްޕަންޔޮލް ކާމިޔާބުކޮށްފިއެވެ. މެޗުގެ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައެވެ.
އެންމެ ފަހަކަށް ކުޅުނު ފަސް މެޗުންވެސް ޒިދާންގެ ޓީމު މޮޅުވުމުގެ ސަބަބުން އޭނާ ވަނީ ރޭގެ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ރެސްޓެއް ދީ އޭނާ މެޗުގައި ނުހިމަނާފައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ރެއާލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ދިއުމެވެ.
މެޗުގެ އެންމެ ފަހު ވަގުތުގައި ރެއާލްގެ ހުރިހާ ކުޅުންތެރިން ގޮތަކަށް ކުރިއަށް ގޮސްފައިވަނިކޮށް އެސްޕަންޔޮލްއިން އޭގެ ފައިދާ ނަގާފައެވެ. ސާޖިއޯ ގާސިއާ ހުރަސްކޮށްދިން ބޯޅަ ޖެރާޑް މޮރެނޯ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެސްޕަންޔޮލް ވަނީ އަނެއްކާވެސް މެޗު ފަހުކޮޅު ޖެހި ގޯލަކުން ތިން ޕޮއިންޓު ހޯދާފައެވެ.
މެޗުން ބަލިވެ މިހާރު ރެއާލް މެޑްރިޑް ތާވަލުގެ ތިންވަނައިގައި އޮތީ 51 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި އޮތް ވެލެންސިއާ އަށް ލިބިފައިވަނީ 49 ޕޮއިންޓެވެ. ވެލެންސިއާ ވަނީ އެތްލެޓިކޯ ބިލްބާއޯ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ރެއާލްގެ ކުރިއަށް ޖެހިލަން ފުރުސަތު ލިބިފައެވެ.
މެޗުން ބަލިވުމުން ޒިދާން ބުނެފައިވަނީ 0-0 އިން އެއްވަރުވެ އޮންނަ މެޗެއްގައި އޭނާގެ ކުޅުންތެރިން އެންމެ ފަހު ވަގުތާ ހަމައަށްވެސް ކުޅޭނީ ތިން ޕޮއިންޓު ހޯދުމަށް ކަމަށާއި، ރޭގައި މޮޅު ނުލިބުނު ކަމަށެވެ.