މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 15 ރަބަރު ޕެކެޓާ އެކު މީހަކު ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މި މައްސަލަ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޢުމުރުން 29 އަހަރުގެ ފިރިހެނެކެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހުޅުމީދޫ ގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ވައްކަމުގެ މައްސަލަތައް މަދުކުރުމަށް 2013 އޭޕްރީލް 06 ވަނަ ދުވަހުގެ ރެއިން ފެށިގެން ސްޓޭޝަން ދެ ބަޔަކަށް ބަހާލައިގެން އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ޚާއްޞަ އޮޕަރޭޝަންގައި މީހުން ބަލައި ފާސް ކުރުމުގެ ތެރޭގައި 2013 އޭޕްރީލް 07 ވަނަ ދުވަހުގެ ރޭ 21:45 ހާއިރު ހުޅުމީދޫގެ މަގެއްގެ މަތީގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓްތައް ފެނިފައިވަނީ މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ބަލައި ފާސްކުރި އިރު އޭނާގެ ވާއަތު މުށު ތެރެއިންނެވެ.
މި މައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.