Last Updated: June 11, 06:23
Thursday, June 11, 2026
ޚަބަރު

ޕޮލިސް އާއި މެރިޓައިމް އެކަޑެމީ އެލްއޯޔޫއެއް ހަދައިފި

މޯލްޑިވްސް ޕޮލިސް ސަވިސް އާއި މެރިޓައިމް އެކަޑެމީ އޮފް މޯލްޑިވްސް އާ އެކު ލެޓަ އޮފް އަންޑަސްޓޭންޑިން (އެލްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަވިސްގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ސައުދީ އެވެ. މެރިޓައިމް އެކަޑަމީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ އެކަޑަމީގެ ސީއީއޯ ކެޕްޓަން އާދިލް ރަޝީދު އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މެރިޓައިމް އެކަޑަމީގެ ސީއީއޯ ކެޕްޓަން އާދިލް ރަޝީދު ދެއްކެވި ވާހަކަފުޅުގައި ކަނޑުގައި ހިނގާ އެކި ހާދިސާތައް މަދު ކުރުމަށާއި ކަނޑުމަތީގައި ހިނގާ އެކްސިޑެންޓައް ތަޙުޤީޤު ކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ފުލުހުންނަށް ބޭނުންވާ ލަފަ އާއި އިރުޝާދުތައް ދެމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ސައުދީ ދެއްކެވި ވާހަކަފުޅުގައި މެރިން ޕޮލިސްގެ މައިގަނޑު އެއް ބަޔަކީ ކަނޑުމަތީގެ ހިނގާ އެކްސިޑެންޓްތައް ތަހުޤީޤް ކުރުން ކަމަށާއި އެކްސިޑެންޓްތަކުގެ ތަހުޤީޤް ރިޕޯޓަކީ އިންސްއަރެންސް ކޮށްފައިވާ ކުންފުނިތަކަށް މުޙިންމު އެއްޗަަކަށް ވާއިރު އެ ރިޕޯޓަކީ މިހާރަށް ރެ ރަނގަޅު އެއްޗަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެއްބަސްވުމުގެ ސަބަބުން މި މަސައްކަތަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށާއި ފުލުހުން ކުރަމުންދާ މަސައްކަތުގައި މެރިޓައިމްގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

އިއްޔެ ސޮއި ކުރި މި އެއްބަސްވުމުގެ ދަށުން ފުލުހުންނަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދުތަކާއި ވަސީލަތްތަކާއި މަޢުލޫމާތުތައް ބަދަލު ކުރުމާއި ކަނޑުމަތީގައި ހިނގާ އެކި ކަންތައްތަކަށް އާއްމު ރައްޔިތުން ހޭލުންތެރިކު ރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.