ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އޭޓީއެމް ތަކުން ދުވާލެއްގެ މައްޗަށް ފައިސާ ނެގޭ އަދަދު އިތުރު ކުރުމަށް އެބޭންކުން ނިންމައިފިއެވެ.
މީގެ އިތުރުން ބޭންކުން ވަނީ ދުވާލެއްގެ މައްޗަށް އޭޓީއެމްތަކަށް ފައިސާ ޖަމާ ކުރެވޭ އަދަދުވެސް އާންމުގެ ލުޔަށް އިތުރު ކުރުމަށް ހަމަޖައްސާފައެވެ. އެގޮތުން މިހާރު އާންމުންނަށް އޭޓީއެމްއިން ދުވާލެއްގެ މައްޗަށް 10،000 ރ. ނެގޭއިރު އެ އަދަދު 25،000 ރ. އަށް އިތުރު ކުރުމަށް ބީއެމްއެލްއިން ވަނީ ނިންމާފައެވެ.
އަދި އާންމުންނަށް އެކައުންޓަށް ފައިސާ ޖަމާކުރާއިރު މިހާރު އޭޓީއެމް ތަކުން ދުވާލެއްގެ މައްޗަށް ގިނަ ވެގެން ޖަމާ ކުރެވޭނީ 25،000 ރ. އެވެ. ނަމަވެސް އެއަދަދު 50،000 ރ. އަށް އިތުރު ކުރުމަށް ބީއެމްއެލް އިން ވަނީ މިފަހަރު ނިންމާފައެވެ.
މީގެ އިތުރުން ބީއެމްއެލް އިން ޑޮލަރު ނެގުމަށް ޚާއްސަ، ޑޮލަރު އޭޓީއެމް ތަކުން ނަގާ ފައިސާއާއި ޖަމާކުރެވޭ ފައިސާގެ އަދަދުވެސް ވަނީ އިތުރުކޮށްފައެވެ. މިހާރު ކޮންމެ ދުވަހަކު 640 ޑޮލަރު މީހަކަށް ނެގޭއިރު މާދަމާއިން ފެށިގެން 1،600 ޑޮލަރު ނެގޭނެ އެވެ. އަދި މިހާރު ޖަމާކުރެވޭ 1،600 ޑޮލަރު މާދަމާއިން ފެށިގެން 3،200 ޑޮލަރާ ހަމައަށް ޖަމާ ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނެއެވެ.
މިބަދަލާއެކު މާދަމާއިން ފެށިގެން އާންމުންނަށް އޭޓީއެމްތަކުން ފައިސާ ނަގައި، ޖަމާ ކުރެވޭ އަދަދު އިތުރު ވާނެއެވެ. ނަމަވެސް ސެލްފް ސާވިސް އޭޓީއެމްތައް ހުންނަ ރަށްތަކުގައި، ބްރާންޗު މެދުވެރިކޮށް ފައިސާ ޖަމާ ކުރާނަމަ، 20،000ރ. އަށް ވުރެ ގިނަ ފައިސާ ޖަމާކުރަން 75ރ. ގެ ފީއެއް ނެގުމަށް ހަމަޖެހިފައިވެއެވެ.
ނަމަވެސް ސެލްފް ސާވިސް އޭޓީއެމްތައް ނުހުންނަ ރަށުގައި މި ޚިދުމަތް އަގަކާ ނުލާ، ހިލޭ ދެވޭނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.