ވިލާ ކޮލެޖުން ޑައިވިން، މެރިން ސައިންސް އަދި މޫދު ކުޅިވަރުގެ ޚާއްސަ ކޯސްތަކެއް ތައާރަފްކޮށްފިއެވެ.
ސަރުކާރުގެ 2050 ސްކޮލަޝިޕްގެ ދަށުން ވިލާ ކޮލެޖުން ތައާރަފްކޮށްފައިވަނީ ވޯޓާ ސްޕޯޓްސް އިން ސެޓެފިކެޓު 3 ގެ ކޯހަކާއި މެރިން ސައިންސުގެ ސެޓެފިކެޓު 3 އަދި 4 ގެ ކޯހަކާއި ޑައިވް މާސްޓާ ޓްރެއިނިން ޕްރޮގްރާމެކެވެ.
މި ތިން ކޯހަކީވެސް ސަރުކާރުގެ 2050 ސްކޮލަޝިޕްގެ ދަށުން މުޅިން ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ތިން ކޯހެވެ.
އަމިއްލަ ގޮތުންވެސް މިކޯސްތަކުގައި ބައިވެރިވެވޭއިރު ވިލާގެ ކޯސްތަކަށް އިސްލާމިކް ބޭންކު މެދުވެރިކޮށްވެސް ފައިސާ ދެއްކޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި މަހުން މަހަށް ފީ ދައްކާ އިންސްޓޯލްމެންޓް ނިޒާމެއްވެސް ވަނީ އެކޮލެޖުން ގާއިމުކޮށްފައެވެ.
ވޯޓާސްޕޯޓްސް ސެޓެފިކެޓު 3 ގެ ޖުމުލަ ފީ އަކީ 14،800ރ. އެވެ. މިކޯހުގައި ބައިވެރިވެވޭނީ 16 އަހަރުން މަތީގެ މީހުންނަށެވެ. މެރިން ސައިންސް ކޯހަށް ދައްކަން ޖެހޭނީ އަމިއްލަ ގޮތުން ފައިސާ ދައްކާނަމަ 8،000ރ. އެވެ. ނަމަވެސް މިކޯހަށް ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ މީހުންނަށެވެ. އަދި ކޯހުގައި ބައިވެރިވުމަށް މިކޯހުގެ ސެޓްފިކެޓް 2 ނުވަތަ އެއާ އެއްވަރު ސެޓްފިކެޓެއް ބޭނުންވާނެއެވެ.
ޑައިވްމާސްޓާ ޓްރެއިން ޕްރޮގްރާމުގެ ފީއަކީ 44،200ރ. އެވެ. މަހުން މަހަށް ދައްކާނަމަ ފުރަތަމަ ސެމިސްޓާގައި ދައްކަން ޖެހޭނީ 17،700ރ. އެވެ. އަދި ދެވަނަ ސެމިސްޓާގައި 15،500ރ. ދައްކަން ޖެހޭއިރު ފަހު ސެމިސްޓާގައި ދައްކަން ޖެހޭނީ 11،200ރ. އެވެ. މިކޯހުގައިވެސް ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ މީހުންނަށެވެ.