Last Updated: June 12, 22:07
Friday, June 12, 2026
ޚަބަރު

ފޭދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ފޭދޫ ބޮޑުމަގުގައި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ.

އައްޑޫ ސިޓީގެ ފޭދޫގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއެކްސިޑެންޓު ހިނގާފައިވަނީ ފޭދޫ އީޒީ އެކްސް ފިހާރަ ކައިރިން ބޮޑު މަގުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ ސައިކަލު ޖެހިގެން ހިނގި މިއެކްސިޑެންޓުގައި ބޮޑަށް އަނިޔާވެފައިވަނީ ބިދޭސީ މީހަކަށެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި ބިދޭސީ މީހާއަކީ އީޒީއެކްސް ފިހާރާގައި މަސައްކަތް ކުރަމުންދިޔަ ޝަފީއު ނަމަކަށް ކިޔާ ބިދޭސީ މީހެކެވެ. މިއެކްސިޑެންޓުގައި ދެން އަނިޔާ ވެފައިވަނީ ގަމުގައި ހުންނަ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ މީހަކަށެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށް ފޭދޫގައި އޮންނަ ޕެރެމެޑިކް އެމްބިއުލާންސަށް ގުޅުމުން އެމްބިއުލާންސަށް ނާދެވި ލަސްވާތީ އަނިޔާވި ބިދޭސީ މީހާ ފޭދޫ ސިއްހާ މަރުކަޒަށް ގެންގޮސްފައިވަނީ ޕޮލިސް ވެހިކަލެއްގައި ކަމަށް މަންޒަރު ދުށް މީހަކު "އައްޑޫލައިވް" އަށް ކިޔާދީފައިވެއެވެ.

އޭނާ މިހާރު އިތުރު ފަރުވާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށް މަންޒަރު ދުށް މީހަކު ކިޔާދީފައިވެއެވެ. ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހިތަދޫން އައި އެމްބިއުލާންސެއްގައި ކަމަށްވެސް އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވެއެވެ.