ހުޅުމާލޭގައި އަލަށް ހުޅުވާ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލުން އެޕޮއިންޓްމެންޓެއް ހެދޭ އަގަކީ 750ރ. ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ނަމަވެސް ޚިދުމަތް ހޯދުމަށްދާ ދިވެހިންނަށް އެޕޮއިންޓްމެންޓެއް 550ރ. އަށް ހެދޭނެ ކަމަށާއި ދިވެހިންގެ އެޕޮއިންޓްމެންޓަށް ޗާޖު ކުރާނީ %30 ޑިސްކައުންޓާއެކުގައި ކަމަށް އެހޮސްޕިޓަލުން ބުންޏެވެ.
މާދަމާ ރަސްމީކޮށް ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވި ނަމަވެސް ހޮސްޕިޓަލުގެ ޚިދުމަތް ފުރިހަމަކޮށް ލިބޭނީ ޖޫން މަހުން ފެށިގެންނެވެ. އަދި ފުރަތަމަކޮޅު އާސަންދައިގެ ޚިދުމަތްވެސް ލިބޭނީ ހަމައެކަނި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ ފަރާތްތަކަށް ކަމަށާއި، ހޮސްޕިޓަލް ރަނގަޅަށް ހިނގަން ފެށުމުން އާސަންދައިގެ ޚިދުމަތް ފުޅާ ކުރާނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
އެޕޮއިންޓްމެންޓުތަކުގެ އަގު ހާމަކުރި ނަމަވެސް ހޮސްޕިޓަލުގެ ރޫމް ޗާޖުތައް ހާމަކޮށްފައެއް ނުވެއެވެ. ހޮސްޕިޓަލާ ހަވާލާދީ "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރޫމްތަކުގެ ޗާޖު ހާމަކުރާނީ މާދަމާ ހޮސްޕިޓަލް ހުޅުވުމަށް ފަހުގައެވެ.
މިހޮސްޕިޓަލަކީ 110 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްގީ ކޮށްފައިވާ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލުގައި ދުނިޔޭގެ 35 ގައުމެއްގެ ތަޖުރިބާކާރު ޑޮކްޓަރުން ޚިދުމަތް ދޭނެއެވެ.