Last Updated: June 14, 23:25
Sunday, June 14, 2026
ޚަބަރު

ބޯޓުގެ މައްސަލަ ސީރިއަސްކޮށް ބަލާނަން: ސަރުކާރު

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގެ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނިފައިވާ ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނިކޮށް ދިވެހި ސަރުކާރުން ބަޔާނެއް ނެރެފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖަޕާންގެ ފޮރިން މިނިސްޓްރީން އާއްމުކުރި މައުލޫމާތުގައި ހިމެނޭ "ޝިން ޔުއާން 18" ތެޔޮ ޓޭންކަރަކީ އެއްވެސް އިރެއްގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޓޭންކަރެއް ނޫންކަމަށާއި އެ ޓޭންކަރުގައި ދިވެހި ދިދަ ނަގާފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަމަށެވެ.

ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނުނު ރާއްޖޭގެ ޓޭންކަރު (މަތީގައި) ފޮޓޯ: ޖަޕާނުގެ ޑިފެންސް މިނިސްޓްރީ

ޖަޕާނުން އާއްމު ކުރި މައުލޫމާތު ދޮގުކޮށް ސަރުކާރުން ބުނީ ރާއްޖޭގެ ގައުމީ ޝަހުސަށް ގެއްލުންވާ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލު ކުރާކަން އެނގިއްޖެ ނަމަ އެ ފަރާތަކާ މެދު ވެސް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން، ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ ޝިން ޔުއާން 18 އާއި އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރެއް ކަމަށްވާ ޗޮން މާން ސަން ފެނުނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު، ޝަންހާއީގެ އިރުން 250 ކިލޯމީޓަރު ބޭރުން އުތުރު ޗައިނާ ކަނޑުގެ ސަރަހައްދުން ކަމަށެވެ.

ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް މި ދެ އުޅަނދު ފެނުނީ "ދެ އުޅަނދު އެކަތި އަނެކަތީގައި ބަނދެލައިގެން އޮވެ، ބޮކިތައް ދިއްލައިގެން، ޝައްކު ކުރެވޭ ފަދަ މުއާމަލާތްތަކެއް ހިންގާ ފަދަ ގޮތަކަށް" ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މައްސަލަ ފެންމަތިވެފައިވާ އިރު "ޝިން ޔުއާން 18" ބޯޓާއި ގުޅޭ ބައެއް މައުލޫމާތު ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އެގޮތަށް ހިއްސާކޮށްފައިވާ މައުލޫމާތުތަކުގައި ބޯޓަކީ ރާއްޖޭގެ ބޯޓެއްކަމަށް ބަޔާންކޮށްފައި ވެއެވެ.

މިކަމާއި ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީންވެސް މިއަދު ވަނީ އެމައުލޫމާތު ދޮގުކޮށް ބަޔާނެއް ނެރެފައެވެ.