Last Updated: June 12, 22:07
Friday, June 12, 2026
ކުޅިވަރު

ސްޕާސްއަށް އެފްއޭ ކަޕުގައި ފަސޭހަ މޮޅެއް

އިނގިރޭސި އެފްއޭ ކަޕުގައި ޓޮޓެންހަމް ހޮޓްސްޕާސް އަދި ރޮޗްޑޭލް ބައްދަލުކުރި މެޗު އެއްވަރުވުމުން ކުޅުނު ޕްލޭ އޮފް މެޗު ފަސޭހަކަމާއެކު 1-6 އިން ސްޕާސް ކާމިޔާބުކޮށްފިއެވެ.

ބޯކޮށް ސްނޯ ވެހުނު މިމެޗުގައި ސްޕާސް އިން މެޗުގެ ވަރަށް ކުރީކޮޅު ކާމިޔާބުކުރި ލަނޑެއް ވީޑިއޯ ރެފްރީ ވަނީ ބާތިލުކޮށްފައެވެ. އެރިކް ލަމެލާ އޭރިޔާ ތެރެއިން ފައުލް ކުރި ކަމަށް ނިންމައި ލަނޑު ނުގުނައި ކުޅުނު ނަމަވެސް ހިއު މިންގް ސޮން ވަނީ މާ ގިނައިރު ތަކެއް ނުވެ ސްޕާސްއަށް ލަނޑެއް ޖަހާދީފައެވެ.

އަދި ސޮން ވަނީ ލިބުނު ޕެނަލްޓީއަކުން ވެސް ގޯލެއް ޖަހާފައެވެ. ނަމަވެސް ރެފްރީ ވަނީ އޭނާ ޕެނަލްޓީ ޖެހުމަށް ހަދާފައި ލަސް ކުރި ކަމަށް ބުނެ ޕެނަލްޓީ ވެސް ނުގުނައި، ސޮން އަށް ރީނދޫ ކާޑެއް ދައްކާފައެވެ.

ޖަވާބުގައި ރޮޗްޑޭލް އިން ވަނީ ރީތި ކުޅުމަކަށް ފަހު ނަތީޖާ އެއްވަރުކޮށްފައެވެ. 31 ވަނަ މިނެޓުގައި މިލަނޑު ޖަހާފައިވަނީ ހަމްފްރީސްއެވެ.

ފުރަތަމަ ހާފު 1-1 އިން އެއްވަރުވި ނަމަވެސް ދެވަނަ ހާފުގައި ސްޕާސް އިން ވަނީ ކުޅުން ރަނގަޅުކޮށް އިތުރު ފަސް ލަނޑު ޖަހާފައެވެ. ލޮރެންޓޭގެ ހެޓްރިކެއް މިހާފުގައި ފެނިގެން ގޮސްފައިވާއިރު ސޮންގެ އިތުރު ގޯލަކާއި މެޗު ނިމެމުން ދަނިކޮށް ޒުވާން ވޯކާ-ޕީޓާސްވެސް ވަނީ ސްޕާސްއަށް ލަނޑެއް ޖަހާދީފައެވެ.